12 May 2013, 13:35
އެތައް އަހަރެއް ވަންދެން ގާކުނޑިއަޅަމުން ގޮސް "ކުނީގެ ފަރުބަދަ" ހެދިފައި އޮތް އޮތް އެއް ނަމްބަރު ކުނިކޮށި ހުސްކޮށް ނިންމައި އެގޮނޑު މިއަދު މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި އެމްޓީސީސީ ގުޅިގެން ކުރި ވަރަށް އަވަސް މަސައްކަތް ތަކަކަށް ފަހު މިހާރު މުޅިން ސާފުކޮށްފައިވާ ކުނިގޮޑު ސިޓީ ކައުންސިލާ ހަވާލުކުރީ އެކަމަށްޓަކައި ގޮނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވީ ސިޓީ ކައުންސިލުން ކުނިކޮށި ރަނގަޅު ގޮތުގައި މެނޭޖް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކުނިކޮށްޓަށް ކުނި ގެންނަ އިރު ގޭބިސީ ތަކުން ވެސް ފަރުދީ ފެންވަރުގައި އުފުލަން ޖެހޭ ޒިންމާ އުފުއްލެވުމަށް އެދިވަޑައިގަންންވާ ކަމަށެވެ.
"ގޮނޑަށް ކުނި ގެންނަވާއިރު ގޭބިސީ ތަކުން ވެސް ފަރުދީ ޒިންމާ އުފުއްލެވުމަށް އަޅުގަނޑު އެދެން، ދުނިޔޭގެ އެހެން ގައުމުތަކުގައި ކުނި އުކާލުމުގެ ކުރިން ގެއާ ހިސާބުން ވެސް އެކި ބާވަތްތައް ވަކިކުރޭ، އަޅުގަނޑު އެދެނީ ރައްޔިތުން އެގޮތަށް މަސައްކަތް ކޮށްދެއްވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވީ ގޮނޑު ހުސް ކުރުމުގެ މަސައްކަތަކީ ސަރުކާރާ މާލޭ ސިޓީ ކައުންސިލު ގުޅިގެން ވަރަށް އެކުވެރި މާހައުލެއްގައި ކުރެވުނު މަސައްކަތެއް ކަމަށާ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގޮތަކަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ގޮނޑު ހުސްކުރުމުގެ މަސައްކަތަށް އެހީތެރި ވެދެއްވި އެންމެހާ ފަރާތްތަކަށް މިނިސްޓަރު ނާޒިމު ޝުކުރުއަދާކުރެއްވި އެވެ.
ހުސްކުރި ކުނިކޮށްޓަށް މިއަދުން ފެށިގެން އަލުން ކުނި އަޅާނެ ކަމަށާއި އެހެން ނަމަވެސް ކުނި ވަރަށް ރަނގަޅަށް މެނޭޖްކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ. އަދި ބުނީ ގޮނޑަށް އަޅާ ކުނި 24 ގަޑިއިރުގެ ތެރޭގައި ހުސް ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ގިނަ ދަތިތަކެއް ހުރިކަން ސިޓީ ކައުންސިލުން ފާހަގަކުރި އެވެ. އެގޮތުން އެ ކައުންސިލުން ތިލަފުށްޓަށް ކުނިގެންދިއުމަށް ބޭނުންކުރަމުން އައި ބާޖް ހަލާކުވެފައިވާކަން ފާހަގަކުރި އެވެ.
އެއް ނަމްބަރު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ މިދިޔަ މާޗްމަހުގެ ހަތް ވަނަ ދުވަހު އެވެ. އެމަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 21 މިލިޔަން ރުފިޔާގެ އަގަކަށް ކަމަށް ވިޔަސް އެ މަސައްކަތް އެމްޓީސީސީން ކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައެވެ.