12 May 2013, 12:20
ރ. ރަސްގެތީމު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި އެންޓަނާއަކަށް މިދިޔަ މަހު ހޮނު އެޅުމުގެ ސަބަބުން އެ ރަށު ކައުންސިލްގެ އިދާރާގައި ހުރި ހުރިހާ މުމާސަލާތީ ވަސީލަތްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ބުނެ އެ ރަށުގެ ކައުންސިލް އިދާރާގެ މިއަދު ބަންދުކޮށްފި އެވެ.
އެރަށު ކައުންސިލްގެ އިދާރާގެ ރައީސް އައިޝަތު ނާޒްލީ މިއަދު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ރަށު ކައުންސިލްގެ އިދާރާ ބަންދުކޮށްފައިވާ ކަމަށާއި ކައުންސިލް އިދާރާ ބަންދުކުރީ މިދިޔަ މަހުގެ 27 ގައި އެ ރަށަށް ކުރި ވިއްސާރައިގައި ރަށު ކައުންސިލްގެ އިދާރާގައި ހުރި އެންޓަނާއަށް ހޮނުއެޅުމާ ގުޅިގެން ކައުންސިލް އިދާރާގައި ހުރި ހުރިހާ އިލެކްޓްރޯނިކް ސިސްޓަމެއް ހަލާކުވެފައިވާތީ ކަމަށެވެ.
"ކައުންސިލްގެ ހުރިހާ މުވާސަލާތީ ވަސީލަތްތަކާ ގުޅިފައިވާ ނެޓް ވޯކަށް ހޮނުއެޅި، ހުރިހާ ކޮމްޕިއުޓާތަކެއް ވަނީ ހަލާކުވެފައި، ފެެކްސްއެއް ނުކުރެވޭ، ނެޓެއް ނުލިބޭ، އެހެންވެ ކައުންސިލް އިދާރާގެ އެއްވެސް މަސައްކަތެއް ނުކުރެވޭ، އެތައް ބައިވަރު އުފަން ދުވަހުގެ ސެޓްވިކެޓްތަކެއް ހަދަން އެބަހުރި، ނަމަވެސް އެ މަސައްކަތް ވެސް ނެތް ކުރެވޭ ކަމަށް،" ނާޒްލީ ވިދާޅުވި އެވެ.
ނާޒްލީ ވިދާޅުވީ ރަށު ކައުންސިލަށް ހޮނުއަޅާ ލިބުނު ގެއްލުމުގެ ސަބަބުން ކައުންސިލްގެ އިދާރާއިން އެއްވެސް ހިދުމަތެއް ނުދެވޭ ކަމުގެ މައުލޫމާތު ރަށު ކައުސިލުން ކަމާ ބެހޭ ހުރިހާ ވުޒާރާތަކަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެކަންތައް މިއަދާ ހަމައަށް ވެސް ހައްލުވެފައިނުވާ ކަމަށެވެ. އެހެންވެ ރަށު ކައުންސިލްގެ ހުރިހާ މުވައްޒަފުން މިއަދު އޮފީހަށް ނުކުތުމަށް ފަހު އޮފީސް ބަންދުކުރީ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.