12 May 2013, 11:57
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މާރާލި ހާދިސާ ހިނގިގޮތް އޮޅުވާލުމަށް ތަހުގީގަށް ދޮގު މައުލޫމާތު ދިން ކުއްޖާ އަށް މަސް ދުވަހަށް ޖަލަށް ލާން ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އަފްރާޝީމްގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުން ދަނިކޮށް އެ ހާދިސާ ހިނގިގޮތް އޮޅުވާލައި އެ ހާދިސާ ހިނގައިދިޔައީ އެހެން ގޮތަކަށް ކަމަށް ބުނެ އެ ކުއްޖާ ފުލުހުންގެ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާކަން އެ ކުއްޖާގެ އަމިއްލަ އިއުތިރާފުންނާއި ހެކީންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިހާރު އުމުރުން 16 އަހަރުގެ އެ ކުއްޖާ އަށް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ގާނޫނުލް އުގޫބާތުގައި ބުނެފައި ވަނީ ދޮގުހެކި ދިނުމުގެ ކުށް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން އެއް އަހަރަށް ޖަލަށްލުން ނުވަތަ 1،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން ދެ އަހަރަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ކަމަށެވެ.
ގާނޫނޫގައި އެގޮތަށް އަދަބު ކަނޑައަޅާފައި އޮތްނަމަވެސް ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ބުނެފައިވާގޮތުން ކުށްކުރާ ކުޑަކުދިންނަށް ދޭންޖެހޭނީ ގާނޫނުގައި އޮންނަ އަދަބުގެ ތިން ބައިކުޅަ ދެ ބައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވެފައިވާ ގޮތުގައި އެ ކުއްޖާ އަކީ މަރުގެ ހާދިސާ ހިންގި ވަގުތު ހ. ފުންވިލުގޭގެ ފާރައަށް ހުރި ކުއްޖާއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމަމް އަހްމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
އެ ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރު ކުރުމަށްފަހު ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފަ އެވެ.