12 May 2013, 11:51
ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީގެ ހަޔާތާ ބެހޭ ގޮތުން ފިލްމެއް އުފެއްދުމަށް ލޮސް އެންޖަލްސްގެ ފިލްމު އުފައްދާ ކުންފުންޏަކުން މަސައްކަތް ފަށައިފިއެވެ.
އެޕިކް ޕިކްޗާ ގުރޫޕުން މެސީގެ ބައޮގްރަފީ ރައިޓްސް ގަތުމަށްފަހު މަސައްކަތް ކުރަމުން އަންނަނީ 2014 ވަނަ އަހަރު ބުރެޒިލްގައި އޮންނަ ދުނިޔޭގެ ތައްޓައް ކުޅޭ ފުޓްބޯޅަ މުބާރާތަށް އެ ފިލްމު ނިންމުމަށެވެ. އެ ފިލްމުގައި އާދައިގެ އާއިލާއަކަށް އުފަން މެސީ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށުމުގެ ކުރިން ޅައުމުރުގައި އާޖެންޓީނާގައި އުޅުނު ދުވަސްވަރާއި، ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށްޓަކައި އޭނާ ކުރި ބުރަ މަސައްކަތާއި އަދި "ގްރޯތް ހޯމޯން ޑެފިޝެންސީ"އަށް ފަރުވާ ހޯދި ދުވަސްވަރުގެ މައްޗަށް އަލިއަޅުވައި ލެވޭނެއެވެ.
އުމުރުން 25 އަހަރުގެ މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވޭތުވެދިޔަ ހަތަރު އަހަރު ހޯދާފައެވެ.
މެސީއާ ބެހޭގޮތުން ތައްޔާރު ކުރާ ފިލުމު ނެރޭނޭ ވަކި ތާރީހެއް އަދި ކަނޑައެޅިފައިނުވާއިރު އެޕިކް ޕިކްޗާސް ސްޓިލް ހޯލްޑިންގް އިން ދަނީ އެ ޕްރޮޖެކްޓާ ބެހޭގޮތުން ރައިޓަރުންނާއި އަދި ޑައިރެކްޓަރުންނާ މަޝްވަރާކުރަމުންނެވެ.
އެޕިކް ޕިކްޗާސްގެ ޗީފް އެގްޒެކެޓިވް ޕެޓްރިކް އިވާލްޑް ވެރައިޓީ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މެސީއާ ބެހޭގޮތުން އުފައްދާ ފިލްމަކީ ބަލާ މީހުންގެ އިހްސާސްތަކާ ރަނގަޅަށް ކުޅެލެވޭފަދަ، މޮޅު ފިލްމަކަށް ހެދުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.
މެސީގެ "ބަޔޯޕިކް" އުފައްދަނީ ލޫކާ ކައިއޮލީގެ "މެސީ" ކިޔާ ފޮތުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެ ފޮތުގައި މެސީގެ ކުރީގެ ކޯޗުންގެ އިންޓަވިއުތަކާއި، އޭނާގެ އާއިލާގެ މީހުންގެ އިންޓަވިއުތަކާއި، އޭނާގެ ޓީމުގެ ކުޅުންތެރިންގެ އިންޓަވިއުއާއި އަދި މެސީގެ އިންޓަވިއުތައްވެސް ހިމެނެއެވެ.