ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލްއާއި ރެއާލް މެޑްރިޑް ކުޅުނު މެޗު އެކެއް އެކަކުން އެއްވަރު ވުމުގެ ސަބަބުން ލީގު ޗެމްޕިއަންކަން ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއަށް ލިބިއްޖެއެވެ.

ރެއާލްއަށް ހަނިގޮތަކަށް ލީގު ހޯދުމުގެ އުއްމީދެއް އޮތް ކަމުގައި ވީނަމަވެސް ރޭގެ މެޗުން އެސްޕަންޔޯލް ބަލި ނުކުރެވުމުގެ ޑިފެންޑިން ޗެމްޕިއަން އަށްވަނީ ލީގު ދިފާއުކުރުމުގެ ފުރުސަތު ގެއްލިފައެވެ.

އަންނަ ހުކުރު ދުވަހު "ކޮޕާ ޑެލްރޭ" ފައިނަލަށް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ މުހިއްމު ކުޅުންތެރިން ތަކެއް ބެންޗުގައި ބައިތިއްބައިގެން ހޯސޭ މޮރީނިއޯގެ ޓީމު ކުޅެން ނުކުތް މެޗުގެ 23 ވަނަ މިނިޓުގައި އެސްޕަންޔޯލަށް ކުރި ހޯދައިދިނީ، ކްރިސްޓިއަން ސްޓްއަނިސް އެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑަށް ނެރެ ރެއާލްގެ ކުޅުން ބަދަލު ކޮށްލުމުގެ ނަތީޖާއަކަށްވީ 58 ވަނަ މިނިޓުގައި ރޮނާލްޑޯ ނަގައިދިން ހުރަހެއް ގޮންޒާލޯ ހިގުއައިން ބޮލުންޖަހައި އެސްޕަންޔޯލްގެ ގޯލަށް ވައްދާލައިގެން މެޗުގެ ނަތީނާ ހަމަހަމަ ކުރުމެވެ.

ރެއާލް އެންމެ ފަހުން ކުޅުނު ހަމެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެހެން ނަމަވެސް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ހުކުރު ދުވަހު ކުޅެންޖެހޭ ފައިނަލަށް ތައްޔާރު ވުމުގެ ގޮތުން މޮރީނިއޯވަނީ ރެއާލްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ، ޒާބީ އެލަންސޯ، އަދި ރަފަޔަލް ވެރާނޭ ފަދަ މުހިއްމު ކުޅުންތެރިން އުނިކޮށްފައެވެ.

މިފަހަރުގެ ލީގު ޗެމްޕިއަންކަން ލިބުމުން ބާސާއަށްވަނީފަސް އަހަރު ދުވަހުގެ ތެރޭގައި ހަތަރު ފަހަރަށް ލީގު ޓައިޓްލް ހޯދިފައެވެ. އަދި މިއީ އެކުލަބުގެ ތާރީހުގައި ސްޕެނިޝް ލީގު ކާމިޔާބު ކުރި 22 ވަނަ ފަހަރެވެ. އަދި ކުލަބުގެ ކޯޗު ޓިޓޯ ވިލަނޯވާގެ ފުރަތަމަ ޓައިޓްލްއެވެ.

ބާސާގެ ފުޓްބޯލް ވައިސް ޕްރެޒިޓެންޓް ޖޯސެފް މާރިއާ ބީބީސީ ސްޕޯޓްސްގައި ބުނެފައިވަނީ، މިސީޒަންގައި އެ ކުލަބުން ދެއްކި ކުޅުމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭމަށެވެ.

"މި ސީޒަންގައި އަހަރުމެންގެ މަގުސަދަކަށްވީ ލީގު ކާމިޔާބު ކުރުން. މިދިޔަ ސީޒަންގައި ސްޕެނިޝް ކަޕް ހޯދާފައި. އެހެން ކަމުން ލީގު ހޯދުމަކީ ޓީމުގެ ފަރާތުން ފެނިގެންދިޔަ ވަރަށް ރަނގަޅު ޕާފޮމެންސެއް،" ޖޯސެފް ބުންޏެވެ.