25 Oct 2010, 09:28
ސިނާއީ ރަށް، ލ. މާންދޫގައި ބިދޭސީއަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 24 އަހަރުގެ ބިދޭސީ މީހާ ދަންޖެހިފައި ވަނީ ހޮރައިޒަން ފިޝަރީޒް މަސް ކާރުހާނާ ހިންގާ މާންދޫގެ ޖެޓީގައި އޮތް ބޯޓެއްގެ ތެރޭގައި ކަމަށެވެ. ދަންޖެހިފައި ހުއްޓާ ފެނުނީ ދަންވަރު 3:00 ޖެހި އިރު އެވެ.
ދަންޖެހުނު މީހާ އަކީ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާ ދަންޖެހިފައި ހުރީ މާންދޫ ބަނދަރުގައި އޮތް "ވިލާދައުރު" ކިޔާ ބޯޓެއްގައެވެ.
މާންދޫ ކާރުހާނާގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ ދަންޖެހުނު ލަންކާ މީހާއަކީ މާންދޫ އެއްފަހުން ގުޅިފައިވާ ގަމުގެ އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއް ކަމަށާއި އެ ދެމީހުންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ދަންޖެހުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ދަންޖެހުނު މީހާގެ ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.