19:00


އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ، ޤައުމުތަކުގެ މަލަމަތި ހުތުރުކުރާ އެއްޗެހި ކަމުގައި ނުދެކި، އެއީ އަޅުގަނޑުމެންގެ ދިރިހުރުމާއި ރައްކަލަށް އޮތް ހަމައެކަނި އުންމީދު ކަމުގައި މުސްތަޤްބަލުގެ ޖީލުތައް ދެކޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފިނިޝް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެފެއާޒުން އިންތިޒާމު ކޮށްގެން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވެވި ސެމިނާރުގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއަކީ މުސްތަޤްބަލުގެ ޓެކްނޮލޮޖީ ކަމަށާއި، މިދާއިރާގައި ކުރިއަރައިގެންދާނެ ޤައުމުތަކަކީ، ތަރައްޤީގެ މަގުގައި ކާމިޔާބު ހޯދާނެ ޤައުމުތައް ކަމުގައި ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއިން މިހާރު ޤަޞްދު ކޮށްފައިވަނީ، 2020 ވަނަ އަހަރާ ހަމައަށް ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަކީ، ތަރައްޤީއަށް އޮތް ހުރަހެއް ނޫންކަން އައިސްލެންޑްފަދަ ޤައުމުތަކުން އެނގެން އެބަ ހުރި ކަމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކެކޭ އެއްފަދައިން ތަރައްޤީވަމުން އަންނަ ޤައުމުތަކުންވެސް ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު މަދުކުރަން ޖެހޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ޙަޤީޤަތެއްކަން ސައެންސްގެ ހޯދުންތަކުން އެނގެން އެބައޮތް ކަމަށާއި، އެހެންނަމަވެސް، މި ޙަޤީޤަތްތައް ޤަބޫލު ނުކުރާ މަދުބަޔަކު އެބަތިބި ކަމުގައި ވިދާޅުވި އެވެ. އަދި މިކަމާ ދެކޮޅަށް ވަރަށް ވަރުގަދައަށް މަސައްކަތްކުރާ ބަޔަކުވެސް އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކަށް ވަރަށް ނާޒުކު ޤައުމެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިއަދު ރާއްޖެފަދަ ޤައުމުތައް ސަލާމަތް ނުކުރެވިއްޖެނަމަ، މާދަމާ ދުނިޔެ ސަލާމަތް ކުރުމުގެ އުންމީދުވެސް ކުޑަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.