މެދުއިރުމަތީގައި ބޭއްވި އެންމެ ބޮޑު ޓުރެވަލް ފެއާ "އެރޭބިއަން ޓުރެވަލް މާކެޓް"ގައި ރާއްޖެ އަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

މި މަހުގެ 6 އިން 9 އަކަށް ދުބާއީގައި ބޭއްވި ފެއާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު ސަން އޮންލައިނަށް ވިދާޅުވީ އެ ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިން 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު އެ ފެއާގައި ރާއްޖެ އިން 100 ފޫޓަށް ވުރެ ބޮޑު ސުޓޯލެއް ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ސްޓޯލަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފައިވާ އިރު ރާއްޖެއާ ގުޅޭ މައުލޫމާތު ތަފާތު މީޑިއާތަކަށް ދީފަިއވާކަމަށް ވިދާޅުވި އެވެ.

"ހަގީގަތުގައި އެ ފެއާއަކީ މެދު އިރުމަތީގައި ބެއްވޭ އެންމެ ބޮޑު ޓުރެވަލް ފެއާ. މިއީ އަޅުގަނޑުމެން މިފެއާގައި ބައިވެރިވި ފުރަތަމަ ފަހަރެއް ނޫން. މިފަހަރުގެ ފެއާގެ ތެރެއިން ރާއްޖެ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރޭބިއަން ޓުރެވަލް މާކެޓާ ގުޅިގެން ކުރިއަށް ދިޔަ އިތުރު އެހެނިހެން ހަރަކާތްތައް ކަމުގައިވާ މިޑުލް އީސްޓް ކެޓަގަރީގެ ވޯލްޑް ޓުރެވަލް އެވޯޑް ކުރިއަށްދިޔަ އިރު އެ ހަރަކާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ ދުވަސްވަރު ކުރިއަށް ދިޔަ "އެރޭބިއަން ހޮޓެލް އިންވެސްޓްމަންޓް" ކޮންފަރެންސްގައި ވެސް ރާއްޖެ އިން ބައިވެރިވެފައިވާ ކަމަށާއި އެ ކޮންފަރެންސްގައި ބައިވެރިވި ބައެއް ފަރާތަކުން އެފަރާތްތަކުގެ ހޮޓެލް ޗެއިންތައް ރާއްޖެ އަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.