12 May 2013, 11:12
ގއ. ކޮނޑޭ ކައުންސިލަށް އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ދެ ކައުންސިލަރަކު އެމްޑީޕީއަށް ސޮއިކޮށްފި އެވެ. އެމްޑީޕީ އޮފީހުގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތުގައި އެ ޕާޓީއަށް ސޮއިކުރައްވާފައި ވަނީ ގއ. ކޮނޑޭގެ ކައުންސިލްގައި މެންބަރު، މޫސާ އަޙްމަދް ދީދީ އާއި އަޙްމަދް އައްބާސްއެވެ.
އެ ދެ ކައުންސިލަރުން ވަނީ މީގެ ކުރިން ތިއްބެވީ އަދާލަތު ޕާޓީގައި ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ގއ. ކޮނޑޭގެ ކައުންސިލަށް ހޮވިވަޑައިގެންނެވި ފަސް ކައުންސިލުންނަކީ ވެސް މިނިވަން ކެންޑޭޓުންގެ ގޮތުގައި ހޮވިވަޑައިގެންނެވި ކައުންސިލް މެންބަރުންނެވެ. ނަމަވެސް އެ ކައުންސިލްގައި މިހާރު ތިއްބެވީ އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ތިން ކައުންސިލް މެންބަރުންނާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކައުންސިލް މެންބަރުންނެވެ.