އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ރޭ މެންޗެސްޓާ ސިޓީ އެކެއް ސުމަކުން ބަލިކޮށް، ވިގަން އެތުލެޓިކް އެކުލަބުގެ 81 އަހަރުވީ ތާރީހުގައި އެ ޓީމަށް ބޮޑު މުބާރާތަކުން ލިބުނު ފުރަތަމަ ޓްރޮފީ ހޯދައިފި އެވެ.

ވެމްބުލީގައި ކުޅުނު ފޯރިގަދަ ފައިނަލު މެޗުގެ 80 ވަނަ މިނިޓުގައި ސިޓީގެ ޕަބްލޯ ޒަބަލޭޓާއަށް ރެފްރީ ރަތްކާޑެއް ދެއްކުމާގުޅިގެން މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާއެކު ކުޅެމުންއައި ސިޓީގެ ގޯލް ވިގަން އަށް ހުޅުވާލަދިނީ ފަހުހާފުގެ އިތުރު ވަގުތުގައި ޝައުން މެލޮނީ ސިޓީގެ އޭރިޔާތެރެއަށް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ސިޓީގެ ގޯލަށް ވައްދާލައިގެން ބެން ވޮޓްސަންއެވެ.

ވިގަން ވެގެން ގޮސްފައިވަނީ އިނގިރޭސި އެފްއޭ ކަޕް މިހާތަނަށް ކާމިޔާބު ކުރި 43 ވަނަ ކުލަބަށެވެ. އަދި އެ ކުލަބުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވެގެން ގޮސްފައި ވަނީ އެ ޓްރޮފީ ހާސިލްކުރި ސްޕެއިންގެ ދެވަނަ ކޯޗަށެވެ. ހަމަ އެއާ އެކު ޕްރިމިއާ ލީގުގެ ކުލަބަކުން އެފްއޭ ކަޕް ކާމިޔާބު ކޮށް ހަމަ އެ ސީޒަންގައި ލީގުން ރެލިގޭޓުވާ ފުރަތަމަ ކުލަބަށްވެސް ވިގަން ވާނެއެވެ.

ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީއަށް ރޭގެ ފައިނަލު ވެގެން ދާނީ ހިތި ފައިނަލަކަށެވެ. ސިޓީގެ ކޯޗު ކަމުން މަންޗިނީ ވަކިކޮށް އޭނާގެ ބަދަލުގައި މަލާގާގެ ކޯޗު މެނުއެލް ޕެލެގްރިނީ ގެނައުމުގެ އަޑުތައް ފެތުރިފައިވާއިރު އެފްއޭކަޕް ގެއްލުމުން އޭނާއަށް ކިޔަމުން އަންނަ ފާޑުކިޔުތައް ވަނީ އިތުރުވެގެން ގޮސްފައެވެ. ހަމަ އެހެންމެ އެވަޓަންގެ ކޯޗުކަމުން ވަކިވެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމަށް ޑޭވިޑް މޮއެސް ހަވާލުވުމުން އެވަޓަންގެ ކޯޗުކަމަށް ގެނައުމަށް ކިޔުގައި ޖައްސާފައިވާ ރޮބާޓޯ މާޓިނޭޒްއަށް ރޭގެ ކާމިޔާބު ވެގެންދާނީ އޭނާ ގެންދިއުމަށް އެވަޓަންއިން ބޮޑަށް ވިސްނާނޭ ކަމެއްގެ ގޮތުގައެވެ.