12 May 2013, 10:19
މާލެ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ޖައްސާފައިވާ މީހުން، މިހާރު އުޅޭ އެޑްރެސް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ހުޅުވާލި މުއްދަތު އެކޮމިޝަނުން އިތުރުކޮށްފި އެވެ.
އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތުގެ ތެރެއިން މާލެގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްޓަކައި މާލެ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ޖައްސާފައިވާ މީހުން، މިހާރު އުޅޭ އެޑްރެސް އިލެކްޝަންސް ކޮމިޝަނުން އެންގުމަށް އެ ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެގެ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ނަމާ ދަފްތަރުގައި ރަޖިސްޓްރީވިއިރު އެމީހެއްގެ ރަށުގެ އެޑްރެހާއި ދަފްތަރު ނަންބަރާއި އަދި އެމީހަކު މާލެގައި ދިރުއުޅޭ އެޑްރެސް އެކޮމިޝަނަށް އެންގުމަށް ދިން މުއްދަތު ހަމަވުމަށްފަހު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އެކޮމިޝަނުން ބުނީ މުއްދަތު އިތުރުކުރީ އެކަމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފޯމް ހުށަހެޅުމަށް ބޭނުން ވާތީ ކަމަށެވެ.
މާލެ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގެ ރަޖިސްޓްރީގައިވާ މީހުން އެމީހުން ދިއުޅޭ އެޑްރެސް އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެމީހަކު ދިރިއުޅޭ އެޑްރެހަކާ ކައިރީގައި ހުންނަ ވޯޓު ފޮއްޓަކަށް ވޯޓުލުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.