ޖަރުމަންގެ ބޮރޫސިއާ ޑޯޓްމުންޑްގެ ޒުވާން ތަރި މާރިއޯ ގޮޓްޒޭ ބަޔާން މިއުނިކަށް ސޮއިކުރީ ފައިސާގެ ދަހިވެތިކަމަކު ނޫން ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

ފައިސާގެ ދަހިވެތިކަމުގައި ކްލަބު ބަދަލުކުރަން ބޭނުންނަމަ މިހާރު ގޮޓްޒޭ ހުންނާނީ މެންޗެސްޓާ ސިޓީގައި ކަމަށް އޭނާގެ އެޖެންޓް ބުންޏެވެ.

މިދިޔަ މަހު އެންމެ ހައިރާންކުރަނިވި ހަބަރެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ އުމުރުން 20 އަހަރުގެ ގޮޓްޒޭ 37 މިލިޔަން ޔޫރޯ އަށް ބަޔާން އަށް ސޮއިކުރި ކަމުގެ ހަބަރެވެ. ނަމަވެސް ގޮޓްޒޭގެ އެޖެންޓް ސްޓްރުތް ބުނަމުންދަނީ ގޮޓްޒޭ ސޮއިކުރީ ފައިސާއަށް ނޫންކަމަށާއި އިތުރު ކާމިޔާބީތަކަށް ކަމަށެވެ.

"އޭނާ ބަޔާން އާއި ގުޅުނީ ފައިސާއަކަށް ނޫން. ފުޓްބޯޅައިން އިތުރު ކާމިޔާބީތަކެއް ހޯދަން. ފައިސާ ބޭނުންނަމަ ގޮޓްޒޭ ފެންނާނީ ބަޔާން އަކުން ނޫން. އޭރުން އޭނާ ފެންނާނީ މެންޗެސްޓާ ސިޓީ ނުވަތަ އެހެން އިނގިރޭސި ކްލަބަކުން،" ގޮޓްޒޭގެ އެޖެންޓް ބުންޏެވެ.

ބޮޑެތި ހުށަހެޅުންތައް ގަބޫލުނުކޮށް ދޫކޮށްލުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި އެހެން ގައުމެއްގެ ކްލަބަކާއި ގުޅުމަކީ ރަނގަޅު ބަދަލަކަށް ނުވެދާނެ ކަމަށް ގޮޓްޒޭގެ އެޖެންޓް ގަބޫލުކުރެ އެވެ، "ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަކީ އަހަރެމެންނަށް އުނދަގޫ ކަމެއް ނޫން. އަދި އެހެން ގައުމެއްގެ ކްލަބަކާއި ގޮޓްޒޭ ގުޅުމަކީ ރަނގަޅު ބަދަލަކަށް ނުވެދާނެ،" ގޮޓްޒޭގެ އެޖެންޓް ބުންޏެވެ.

އަންނަ ސީޒަނުގައި ބަޔާން އިން ފެންނާނެ ގޮޓްޒޭ މިސީޒަނުގައި ޑޯޓްމުންޑަށް މޮޅު ކުޅުމެއް ދައްކައިދީފައިވެ އެވެ.

ކުރިމަގުގައި ކުޅޭ ބަޔާން އާއި ދެކޮޅަށް ޑޯޓްމުންޑް ޖާޒީގައި މިމަހު 25 ގައި ޗެމްޕިއަންސް ލީގު ފައިނަލުގައި ގޮޓްޒޭ ޑޯޓްމުންޑް ޖާޒީގައި ފެނިގެން ނުދިއުމަކީ ގާތްކަމެކެވެ. ގޮޓްޒޭ އަށް ވަނީ އަނިޔާއަކާއި ކުރިމަތިލާން ޖެހިފަ އެވެ.