12 May 2013, 09:39
އިނގިރޭސި ކްލަބު ޗެލްސީގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ފްރޭންކް ލަމްޕާޑް މުގުރާލައިފި އެވެ. 1970 ވަނަ އަހަރު ބޮބީ ޓެމްބްލިންގް ހެދި ރެކޯޑް ލަމްޕާޑް މުގުރާލީ ޕްރެމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ޗެލްސީ މޮޅުވި މެޗުގަ އެވެ.
ވިލާގެ ދަނޑުގައި ކުޅުނު އެ މެޗުގައި ލަމްޕާޑް ވަނީ ޗެލްސީ އަށް އޭނާ ކާމިޔާބުކޮށްދިން 202 ވަނަ ލަނޑާއި 203 ވަނަ ލަނޑު ކާމިޔާބުކޮށް، ޗެލްސީ ސަލާމަތްކޮށްދީ ރެކޯޑް މުގުރާލައިފަ އެވެ. މެޗުގެ 14 ވަނަ މިނެޓްގައި ކްރިސްޓިއަން ބެންޓެކޭ ވިލާއަށް ކާމިޔާބުކޮށްދިން ލަނޑާއެކު ފުރަތަމަ ހާފް އެކެއް ސުމަކުން ވިލާ ކުރީގައި އޮވެ ނިންމާލި ނަމަވެސް 61 ވަނަ މިނެޓްގަ އާއި މެޗު ނިމެން އުޅެނިކޮށް ލަމްޕާޑް ކާމިޔާބުކުރި ލަނޑާއެކު ޗެލްސީ ވަނީ ސަލާމަތްވެފަ އެވެ.
ރޭގެ މެޗުގައި ލަމްޕާޑް ކާމިޔާބުކުރި ދެލަނޑާއެކު މިސީޒަނުގެ ޕްރެމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ލަނޑުތަކުގެ އަދަދު ވަނީ 12 އަރައިފަ އެވެ. ކުރިން ޗެލްސީ އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި އުމުރުން 71 އަހަރުގެ ޓެމްބްލިންގް ސްވަންސީ އާއި ޗެލްސީ ބައްދަލުކުރި މެޗު ބަލަން ހާޒިރުވި އެވެ. އެމެޗުގައި ލަމްޕާޑް ޗެލްސީ އަށް ކާމިޔާބުކުރި 201 ވަނަ ލަނޑު ޓެމްބްލިންގް އަށް ފެނިގެންދިޔަ އެވެ.
ކުރީގެ ޗެލްސީ ފޯވާޑް ޓެމްބްލިންގް ބާރަ އަހަރުތެރޭ ޗެލްސީ އަށް ކުޅުނު 370 މެޗުން 202 ލަނޑު ކާމިޔާބުކުރި އިރު، ލަމްޕާޑަށް އެރިކޯޑް މުގުރާލެވުނީ 607 މެޗުންނެވެ. ޗެލްސީގެ ވަގުތީ ކޯޗުކަމާއި ރަފައެލް ބެނިޓޭޒް ހަވާލުވި ފަހުން އެކްލަބުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނީ އެންމެ ވިހި މެޗުންނެވެ. ވިލާ އަތުން ރޭ ޗެލްސީ މޮޅުވުމާއެކު އަންނަ ސީޒަނުގައި އެކްލަބަށް ޗެމްޕިއަންސް ލީގުން ފުރުސަތެއް ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ބޮޑުވެފަ އެވެ.