މަލާގާ ދޫކޮށް ދާން ބޭނުންނުވި ނަމަވެސް މަޖުބޫރުވެގެން އެ ކުލަބް ދޫކޮށްލަން ޖެހިދާނެ ކަމަށް މަލާގާގެ ކޯޗް މަނުއެލް ޕެލެގްރިނީ ބުނެފި އެވެ.

މަލާގާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ އެކްލަބަށް ދިމާވެފައިވާ ފައިސާގެ ދަތިކަމެވެ. އަންނަ ސީޒަންގައި ޔޫރަޕް މުބާރާތްތަކުން ޖޫރިމަނާކޮށް އެކްލަބަށް ބިލްތައް ނުދެއްކި ދާނޭކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން ވެސް މަލާގާއަށް ވަނީ އެތައް މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

"އަހަރެންނަށް ހިއެއް ނުވޭ މަލާގާގެ އެކަކުވެސް ކްލަބު ދޫކޮށް ދާން ބޭނުންވާނެހެނެއް. އެންމެން ވެސް މަޑުކުރަން ބޭނުންވީ ނަމަވެސް މިހާރު މިއޮތް ހާލަތުގެ ސަބަބުން ކްލަބު ދޫކޮށްލަން މަޖުބޫރުވާނެ. ނަމަވެސް އަހަރެމެން މި ސީޒަން ނިންމާލާނީ ރަނގަޅު ނަތީޖާއަކާއެކު." ޕެލެގްރިނީ ބުންޏެވެ.

ޕެލެގްރިނީ ހޯދުމަށް ގިނަ ކްލަބުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރިޕޯޓްތަކުން ބުނާގޮތުގައި އަންނަ ސީޒަނަށް މެންޗެސްޓާ ސިޓީގެ ކޯޗުކަމުން ރޮބާޓޯ މަންޗިނީގެ ބަދަލުގައި ފެނިގެންދާނީ ޕެލެގްރިނީ ކަމަށް ބުނަމުން ދެއެވެ. މިކަމާއި ގުޅިގެން ޕެލެގްރިނީ ބުނީ، ސީޒަންގެ މިހާ ހިސާބުން އެކަހަލަ ވާހަކަތައް ދެކެވޭނެ ކަމަށެވެ.

"އެހެން ކްލަބުތަކުން އަހަރެން ހޯދަން މަސައްކަތްކުރަމުން ދިއުމަކުން އަހަރެންގެ މަސައްކަތަކަށް އެއްވެސް އުނިކަމެއް ނާންނާނެ. އެއީ ކޮންމެ އަހަރަކު ވެސް ހިނގަމުންދާ ކަންތައްތަކެއް. އަހަރެމެން މިހާރު މަސައްކަތްކުރަމުން މިދަނީ ރަނގަޅު ނަތީޖާއެއް ހޯދަން. ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެވޭވަރު ކުރަން." ޕެލެގްރިނީ ބުންޏެވެ.

2011 ވަނަ އަހަރު މަލާގާ އާއި ގުޅުމުގެ ކުރިން ޕެލެގްރިނީ ވަނީ ދެ ސީޒަނެއްގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދީފަ އެވެ. މަލާގާ އާއި ގުޅުމަށް ފަހު، މިސީޒަނުގައި ޕެލެގްރިނީ ވަނީ އެކްލަބު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާއި ހަމައަށް ދަތުރުކުރުމަށް އެހީތެރިވެދީފަ އެވެ.