12 May 2013, 09:27
އެސްޓަން ވިލާއާ ދެކޮޅަށް ފްރޭންކް ލަމްޕާޑު ރޭ ކާމިޔާބުކޮށްދިން ދެލަނޑާއެކު ޗެލްސީއަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ ރެކޯޑު އޭނާ މުގުރާލައި ވިލާ އަތުން 2-1ން ޗެލްސީ މޮޅުވެއްޖެއެވެ.
އިނގިރޭސި ލީގުގައި ރޭ އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީ ކާމިޔާބު ކުރީ ވިލާ ލަނޑެއް ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރައެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނިޓުގައި ވިލާއަށް މެޗުގެ ކުރި ހޯދައިދިނީ ޔަކޫބާ ސީލާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކްރިސްޓިއަން ބެންޓެކޭއެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނިޓުގައި ގަބްރިއެލް އަގްބޮންލަހޯ އަށް ޗެލްސީގެ ރަމިރޭސް ކުރި ފައުލަކާ ގުޅިގެން ދެރީދޫ ކާޑު ހަމަވެ ރެފްރީވަނީ ރެމިރޭސްއަށް ރަތްކާޑު ދައްކައި ފޮނުވާލާފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 58 ވަނަ މިނިޓުގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ވިލާއަށް ލަނޑު ކާމިޔާބުކޮށްދިން ބެންޓެކޭއަށްވެސް ރަތްކާޑެއް ދައިކައި ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ނަތީޖާ ޗެލްސީއަށް ހަމަހަމަ ކޮށްދިން ލަނޑު މެޗެގެ 61 ވަނަ މިނިޓުގައި ލަމްޕާޑު ކާމިޔާބު ކޮށްދިނީ އިޑެން ހެޒާޑު ތަނަވަސް ކޮށްދިން ރީތި ފުރުސަތަކުން ނެވެ. އަދި މެޗުގެ 88 ވަނަ މިނިޓުގައި ޗެލްސީ މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދީ ލަމްޕާޑުވަނީ ޗެލްސީއަށް މިހާތަނަ އެންމެ ގިނަ ލަނޑު (202 ލަނޑު) ކާމިޔާބު ކޮށްދިން ޓީމުގެ މަޝްހޫރު ޝަހުސިއްޔަތު ބޮބީ ޓަމްބްލިންގެ ރެކޯޑު މުގުރާލާފައެވެ.
މިހާރު ޗެލްސީއަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔަކީ ޗެލްސީއަށް ވޭތުވެ ދިޔަ 12 ވަރަކަށް އަހަރު ދުވަހު މޮޅު ކުޅުމެއް ދައްކުވައިދިން ތަޖްރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑުއެވެ. އޭނާ ޗެލްސީއަށް ޖަހައިދިން ލަނޑުގެ އަދަދަކީ 203 ކެވެ.
ރޭގެ މެޗުން މޮޅުވުމުން 72 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީއަށް ވަނީ ގަދަ ހަތަރެއް ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމްއަށް ބާކީ ދެމެޗު ކުޅެން އޮތް ނަމަވެސް އެކުލަބަށް ޗެލްސީގެ ކުރިއަށް އެރޭނީ އެ ދެމެޗުން މޮޅުވެ، ޗެލްސީ މެޗުން ބަލިވެ ދެކުލަބުގެ ދެމެދުގައިވާ 17 ލަނޑުގެ ފަރަގުވެސް ފޮހެލައިގެންނެވެ.
ޗެލްސީގެ ކޯޗު ރަފާ ބެނިޓޭޒް ބުނީ ރޭގެ މެޗުގައި ކުލަބުގެ މުހިއްމު ކުޅުންތެރިން ތަކަކަށް އަނިޔާ ލިބިފައިވާތީ އެކަމާވަރަށް ކަންބޮޑުވާކަމަށެވެ. ޗެލްސީއަށް ކުރިއަށް އޮތީ ޔޫރޮޕާ ލީގުގެ ފައިނަލްމެޗެވެ. ބެނިޓޭޒް އިތުރަށް ބުނީ ރޭގެ މެޗުން މޮޅުވެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ ހިސާބުގައި އޮތުމުން ހިތްހަމަ ޖެހޭކަމަށެވެ.