12 May 2013, 09:18
އަންކަރާ (މޭ 12): ތުރުކީގެ ދެކުނުގެ ގަވަނޭޓެއް ކަމަށްވާ ހާތާއިގެ ރަށެއްކަމަށްވާ ރީޙާންލީގައި އިއްޔެ ދިން ކާރުބޮމުގެ ޙަމަލާތަކުގެ ފަހަތުގައި ވަނީ ސޫރިޔާގެ ސަރުކާރު ކަމަށް ތުރުކީގެ މަސްއޫލުވެރިން ތުހުމަތު ކުރައްވައިފި އެވެ.
ތުރުކީގެ ބޮޑުވަޒީރުގެ ނައިބު ބުލަންތް އެރިންޖް ވިދާޅުވީ ރީޙާންލީގައި އިއްޔެ ދިން ކާރުބޮމުގެ ޙަމަލާތަކަކީ ޓެރަރިޒަމްގެ ޙަމަލާތަކެއް ކަމަށާއި މިޙަމަލާތަކުގެ ފަހަތުގައި ވަނީ ސޫރިޔާ ސަރުކާރު ކަމަށް ބެލެވޭކަމުގަ އެވެ. މީގެއިތުރުން ތުރުކީގެ ބޮޑުވަޒީރުގެ ސަލާމަތީ ކަންތައްތަކާބެހޭ ނައިބު ބަޝީރު އަތަލާއި ވަނީ ރީޙާންލީގެ ކާރުބޮމުގެ ޙަމަލާތަކަކީ ސޫރިޔާގެ ޖާސޫސީ އިދާރާ އިން ރާވައިގެން ހިންގި ޙަމަލާތަކެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ.
ސޫރިޔާއަކީ އެގައުމުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީންދޭކަމުގެ ތުހުމަތު ތުރުކީގެ މައްޗަށް ކުރަމުން ގެންދާ ގައުމެކެވެ. އަދި ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ދެމުން ގެންދާ ބޮމުގެ ޙަމަލާތަކަކީ ވެސް ތުރުކީގެ މަދަދުލިބޭ ސޫރިޔާގެ ހަނގުރާމަވެރިންގެ ޢަމަލުތަކެއް ކަމަށްބުނެ ސޫރިޔާ ސަރުކާރުންވަނީ ބޮމުގެ އެޙަމަލާތަކާ ތުރުކީއާ ގުޅުވާފަ އެވެ.
ތުރުކީގެ ރީޙާންލީގައި އިއްޔެ ދިން ކާރުބޮމުގެ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 40 އަށް ވުރެ މައްޗަށް އަރާފަ އެވެ. ތުރުކީގެ ދާޚިލީ ވަޒީރު މުޢައްމަރު ގޫލަރު ވިދާޅުވީ މި ޙަމަލާތަކުގައި 40 އަށްވުރެ ގިނަމީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާ މީގެތެރެއިން 29 މީހެއްގެ ޙާލަތުވަނީ ފުރާނަ އަށް ނުރައްކާ ހިސާބުގައި ކަމަށެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި ކާރުބޮމުގެ ދެބޮން ގޮއްވާލި ރީޙާންލީ އަކީ ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ރަށެކެވެ. މިހަމަލާތަކުގައި ރީޙާންލީގެ އެތައް ޢިމާރާތެއް ވަނީ ހަލާކުވެފަ އެވެ. މިޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)