އިސްލާމް އާބާދު (މޭ 12) : ޕާކިސްތާނުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑިލިބޭނެ ޕާޓީއަކީ "ޕާކިސްތާން މުސްލިމް ލީގް ނަވާޒް ގްރޫޕް" ޕާޓީ ކަން ނަތީޖާތަކުން ހާމަވަމުންދާތީ އިންތިޚާބު ކާމިޔާބު ކުރެވުނުކަމަށް ނިންމައި ކާމިޔާބު އިޢްލާންކޮށް ކުރީގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާއި އޭނާގެ ޕާޓީން އެކަމުގެ އުފާފާޅުކޮށް އިޙްތިފާލްތައް ބާއްވަން ފަށައިފި އެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅެނީ ނަވާޒް ޝަރީފުގެ "ޕާކިސްތާން މުސްލިމް ލީގް ނަވާޒް ގްރޫޕް" ޕާޓީ އެވެ. އެހެން ކަމުން ނަވާޒް ޝަރީފް ވަނީ އޭނާގެ ޕާޓީން އިންތިޚާބު ކާމިޔާބު ކުރިކަން އިޢްލާން ކުރައްވާފަ އެވެ. ނަމަވެސް އެއްވެސް ޕާޓީއަކަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޓީން އިއްލާނެއް ނުކުރެ އެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު ޕާކިސްތާނުގެ ޕާލަމެންޓްގައި ހިމެނޭ ޖުމްލަ 272 ގޮނޑީގެ ތެރެއިން 100 ގޮނޑި ވަނީ ނަވާޒް ޝަރީފުގެ ޕާޓީ ކާމިޔާބުކޮށްފަ އެވެ. އެހެން އެއްވެސް ޕާޓީއަކަށް މިވަރާ ގާތަށް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއްނުވެ އެވެ. އަދި ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ "ތަޙްރީކޭ އިންސާފް" ޕާޓީ އާއި މިހާރުގެ ރައީސް ޢާސިފް ޢަލީ ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ އުޅޭނީ ދާދިއެއްހަމައެއްގައި ކަންވެސް އިންތިޚާބުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަވޯޓުން ވަނީ ހާމަވެފަ އެވެ. ވޯޓުގެ ބޮޑުބައި ގުނާފައިވާއިރު އެންމެ ކުރިންފެށިގެން ފަހަތަށްނުގޮސް އެއްލެވެލްއެއްގައި ލީޑްކުރަމުންދަނީ ނަވާޒް ޝަރީފުގެ ޕާޓީ ކަމަށްވާތީ ބާކީ ވޯޓުތަކުން މިއާޚިލާފު ނަތީޖާއެއް ދައްކަފާނެ ކަމަށް ނުބެލެވޭތީ ޝަރީފަށާއި އޭނާގެ ޕާޓީއަށާ އަދި ސްޕޯޓަރުންނަށް މިހާރުވަނީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަން ކަށަވަރުވެފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ޕާކިސްތާނުގައި އިއްޔެ ބޭއްވި ޢާންމު އިންތިޚާބު ކުރިޔަށްދިޔައީ އެއިންތިޚާބު ގަޑުބަޑުކޮށްލުމަށް ޓަކައި ޙަމަލާތައް ދޭނެކަމުގެ އިންޒާރު ތާލިބާނުން ދީފައިވާ ބިރުވެރި މާޙައުލެއްގަ އެވެ. އިންތިޚާބަށް ހުރަސް އެޅުމުގެ ގޮތުން އަމިއްލައަށް މަރުވެގެން ޙަމަލާދޭން ތައްޔާރަށްތިބި އެތަށްބަޔަކު ނެރެފައިވާ ކަމުގެ އިންޒާރު ތާލިބާނުންގެ ވެރިޔާ ޙަކީމުﷲ މަޙްސޫދު ދީފައިވާ އިރު ވޯޓުލުން ކުރިޔަށްދިޔަ އިރު ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކަށް ސިލްސިލާގޮތެއްގައި ޙަމަލާތައްދީ 18 މީހަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ.

އެހެންކަމުން މިޙަމަލާތަކުގެފަހަތުގައިވާ ކަމަށް ބެލެވިފައި ވަނީ ތާލިބާން ޖަމާއަތެވެ. ތާލިބާނުންގެ މި އިންޒާރުތަކާ އެކު ވެސް 1977 އަށް ފަހު ޕާކިސްތާނުގެ އިންތިޚާބެއްގައި ވޯޓުލާން ނުކުމެފައިނުވާ މިންވަރަށް އިއްޔެގެ އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ނުކުމެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ އިންތިޚާބުތަކާ ބެހޭ ކޮމިޓީން ބުނީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 60 އިންސައްތައާއި 80 އިންސައްތަ އާ ދެމެދުގެ ނިސްބަތެއްގެ މީހުން ވޯޓުލާފައިވާ ކަމަށް ބެލެވޭކަމުގަ އެވެ. މިކަން ކަށަވަރުވާނީ ވޯޓުތައް ގުނައި ނިމުމުންނެވެ. އިންތިޚާބުގެ ހުރިހާ ވޯޓުތަކެއް ގުނައި ވަގުތީ ނަތީޖާ އެނގޭވަރުވާނީ މިރޭގެ ވަގުތެއްގައި ކަމަށް ވެސް އިންތިޚާބުތަކާބެހޭ ކޮމިޓީން ބުނެ އެވެ.(ނޫސްއެޖެންސީތައް)