25 Oct 2010, 09:29
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބަލި މީހުން އުފުލުމަށް އެ ރީޖަންގައި ބޭނުން ކުރަމުން އަންނަ ލޯންޗު ހަލާކުވެފައި އޮންނަތާ ފަސް މަސް ދުވަސްވެ، ބަލި މީހުން އުފުލުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ރ. އުނގޫފާރު ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ އިމާދު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން މާލެ އަށް ފޮނުވުމަށާއި އެ ހޮސްޕިޓަށް ގެންދިއުމުގެ އިތުރުން ހޮސްޕިޓަލުން ރަށްރަށަށް ކުރަން ޖެހޭ ދަތުރުރުތައް ކުރުމަށް ވެސް މިހާރު ވަނީ ހުރަސް އެޅިފައި ކަމަށެވެ.
"ބަލިމީހުން މާލެއަށް ފޮނުވަން ވެސް ދަތިވޭ. ހޮސްޕިޓަލަށް މީހުން ގެނައުމަށާއި އަޅުގަނޑުމެން ހޮސްޕިޓަލުގެ ފަރާތުން ރަށްރަށަށް ދިއުމަށާއި ވިޒިޓް ކުރުމަށް ވެސް ދަތިވޭ،" އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯންޗު ހަލާކުނުވެ އޮންނަ އިރު ކުޑަ ފީއެއްގައި ބަލި މީހުންނަށް ހޮސްޕިޓަލަށް އައިސް ގޮސްވުމުގެ ހިދުމަތް ދެމުން އައި ކަމަށެވެ. ނަމަވެސް މިހާރު ބަލިމީހުން އެ ހޮސްޕިޓަލަށް އައިސް ގޮސް ވަނީ ފެރީ އާއި އަމިއްލަ އަށް ލޯންޗު ފަހަރު ކުއްޔަށް ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯންޗު ހެދުމަށް ދެ ފަހަރެއްގެ މަތިން އިއުލާނު ކުރި ނަމަވެސް އެ ހޮސްޕިޓަލުގައި ބަޖެޓުގެ ދަތިކަން އޮތުމުގެ ސަބަބުން މިހާތަނަށް ވެސް ލޯންޗު މަރާމާތު ކުރެވިފައި ނުވާ ކަމަށް އިމާދު ވިދާޅުވި އެވެ. ނަމަވެސް މިހާރު ލޯންޗު މަރާމާތު ކޮށްދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާ ކަމަށް އިމާދު ވިދާޅުވި އެވެ. ހެލްތު މިނިސްޓްރީން އެ ލޯންޗު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓުގައި އިއްޔެ އިއުލާނު ކޮށްފައިވެ އެވެ.
އުނގޫފާރު ހޮސްޕިޓަލަކީ އެރީޖަނުގެ 52،000 މީހުންނަށް ވުރެ ގިނަ އަދެއްގެ މީހުންނަށް ހިދުމަތް ފޯރު ކޮށްދޭ ހޮސްޕިޓަލެކެވެ.