12 May 2013, 08:54
ރާއްޖޭގެ ހަރަދުތައް އިންތިހާ ދަރަޖަ އަށް ބޮޑުވުމާ އެކު ކޮންމެ އަހަރަކު ވެސް ރާއްޖެ ކުރިމަތިލާން ޖެހެނީ ބޮޑު ޑެފިސިޓް ބަޖެޓަކާ އެވެ. މިދިޔަ އަހަރުގެ ބަޖެޓް ވެސް ތިން ބިލިއަން ރުފިޔާ އިން ޑެފިސިޓްވެފައިވާ އިރު މި އަހަރުގެ ބަޖެޓު ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ. ބަޖެޓް އަހަރުން އަހަރަށް ޑެފިސިޓް ވުމަކީ ރާއްޖެ ކުރިމަތިލާން ޖެހޭ ބޮޑު މައްސަލަ އަކަށް ވެފައިވާއިރު ވެސް ހިތާމައަކީ މިހާތަނަށް ވެސް އެކަމަށް ހައްލެއް ގެނައުމަށް ފިޔަވަޅުތައް ނޭޅި ދައުލަތުގެ އޮނިގަނޑުގެ ސަބަބުން ހަރަދުތައް އިންތިހާ ދަރަޖައަށް ބޮޑުވެގެން ދާދިއުމެވެ. މުޅިން ވެސް އިވެނީ އޮބެހެއްޓޭވަރު ނުވުމުން އިސްލާހުކުރުމަށް ގޮވާ އަޑެވެ. އަމަލު ކުރާތަނެއް ނުފެނެ އެވެ.
"މަނިޓަރީ ޕޮލިސީ އިފެކްޓިވްވި ނަމަވެސް ލިބެންވާ މިންވަރަށް ވުރެ ވެސް ކުޑަ އިކޮނަމީއެއްގައި ނުލިބިގެން މިއުޅެނީ ސަރުކާރުގެ ބުރޯވިން ނީޑުސް [ބޭނުންވާ ވަރު] މިހާ މަތިވީމާ މިއޮންނަނީ އެކޮމެޑޭޓްކުރަން ޖެހިފައި އަބަދުވެސް. އެހެން ވީމާ މިއަށް ހަމަ ހައްލެއް އަންނަން އެބަޖެހޭ. އަޅުގަނޑަށް ހިޔެއްނުވޭ މިނޫން ގޮތެއް އޮތްހެނެއް. އަޅުގަނޑުމެނަށް އޮބަހެއްޓޭ ވަރުގެ އަޅުގަނޑުމެންގެ ގައުމާ އެކަށިގެންވާ މިންވަރުގެ ދައުލަތުގެ އޮނިގަނޑެއްހެން އަޅުގަނޑަށް ހީވަނީ މިއަންނަން ޖެހެނީ މިހާރު،" މަރުކަޒީ ބެންކް، އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދް މި އަހަރުގެ ތެރޭގައި ކުރިއަރާނީ 4.3 ޕަސެންޓަށް ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވާ އިރު މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އިގްތިސާދް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު ވެސް އިގްތިސާދު ކުރިއަށް ގޮސްފައި ވަނީ ރަނގަޅު ދުވެއްޔެއްގައި ކުރިއަށެވެ. އެގޮތުން ބަލާ ނަމަ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ނިޔަލަށް ބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ރާއްޖެ އިން މަސް އެކްސްޕޯޓް ކުރި މިންވަރު 5844.2 މެޓްރިކް ޓަން އިތުރުވެ، މިދިޔަ އަހަރުގެ އެ މުއްދަތުގައި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްމުދަނީ އަށް ވުރެ މި އަހަރު ލިބުނު އާމްމުދަނީ ވަނީ 15381 ޔޫއެސް ޑޮލަރު (237175ރ.) އިތުރުވެފަ އެވެ. އަދި ޓޫރިޒަމް ދާއިރާއަށް ބަލާއިރު ވެސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ވުރެ މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދު 37245 އިތުރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދް ކުރިއަށް ދަނީ ހެޔޮމަގުން ކުރިއަށޭ ބުނެވިދާނެ އެވެ.
ނަމަވެސް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި 3018.7 މިލިއަން ރުފިޔާ ލިބުނު އިރު 3574.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެންކަމުން ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ސަރުކާރުން ވަނީ 555.7 މިލިއަން ރުފިޔާ މިހާތަނަށް ވެސް ހަރަދުކޮށްފަ އެވެ. ސަބަބަބީ ކޮބައިތޯ އެވެ؟ ޖަވާބަކީ އަޅުގަނޑުމެންގެ ގައުމުގެ އޮނިގަނޑެވެ.
ދައުލަތުގެ އޮނިގަނޑަށް ބަލާ އިރު އެކަމަކުން ދައުލަތަށް ފައިދާއެއް ނުވިނަމަވެސް ބޮޑު ބުރައަކަށްވެފައިވާ އެތައްކަމެއް މިދައުލަތުގައި އެބަހުއްޓެވެ. އެގޮތުން ބަލާ ނަމަ ލާމަރުކަޒީ ނިޒާމް ފާހަގަކޮށްލެވެ އެވެ. ރާއްޖޭގައި 196 ރަށެއްގައި މީހުން ދިރިއުޅޭ އިރު ރަށު ކައުންސިލަރުންގެ ގޮތުގައި 942 ކައުންސިލަރުން ރާއްޖޭގައި ތިބެ އެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ތިބޭ ކައުންސިލަރުނަށް މަދުވެގެން މަހު މުސާރާގެ ގޮތުގައި ކޮންމެ ކައުންސިލަރަކަށް 10000ރ. ސަރުކާރުގެ ބަޖެޓުން ދޭންޖެހޭ އިރު އަތޮޅު ކައުންސިލަރުންގެ ގޮތުގައި 132 ކައުންސިލަރުން ތިބޭއިރު އެ ކައުންސިލަރުނަށް މަހަކު މަދުވެގެން 20000ރ.ގެ ރޭޓުން މުސާރައެއް ދޭންޖެހެ އެވެ. މިއީ ހަމައެކަނި މުސާރައަށްވާ އިރު އިދާރީ މުއައްޒިފުންނާއި އެ ކައުންސިލްތަކުގެ ހަރަދުއަދުތައް އަދި އެތައް ދަރަޖައަކަށް އިތުރުވެގެން ދެ އެވެ.
މިއީ ދުނިޔޭގެ އެހެންގައުމުތަކުގައި ކައުންސިލްތައް ހިންގަމުންދާގޮތެއް ނޫނެވެ. ހަލުވި މިނެއްގައި މިހާރު ކުރިއަރަމުންދާ އަވައްޓެރި ލަންކާއަށް ބަލާ އިރު ވެސް އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެގައުމުގެ އާބާދީ އަކީ 26 މިލިއަން މީހުން ކަމުގައިވާ އިރު އެގައުމުގައި ތިބެނީ ކުޑަ މުސާރައެއްގައި އެންމެ 350 ލޯކަލް ކައުންސިލަރުންނެވެ. ނަމަވެސް އަހަރެމެންގެ މިކުޑަކުޑަ އާބާދީގައި 1000 ކައުންސެލަރުން ބޮޑެތި މުސާރަދޭ ގޮތަށް އެބަތިއްބެވެ. މިއީ ތިއްލައްކަ އާބާދީއެއްގެ މައްޗަށް ބަރޯސާވެފައިވާ މިގައުމަށް އެންމެ އެކަށީގެންވާވަރެއް ނޫނެވެ.
ރާއްޖޭގެ ބަޖެޓަށް ބަލާއިރު ހަގީގަތުގައި ވެސް އެކަށީގެން ނުވާވަރަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ގޮތަށް ދައުލަތުގެ އޮނިގަނޑުވަނީ އަތުރާލެވިފަ އެވެ. އެގޮތުން ބަލާ ނަމަ ރައްޔިތުން މަޖިލިސް ވެސް ފާހަގަކޮށްލެވެ އެވެ. މަޖިލީހުގައި 77 މެމްބަރުން ތިބޭ އިރު އެ މެމްބަރުނަށް އަސާސީ މުސާރައިގެ ގޮތުގައި 62000ރ. އަދި އެލަވަންސްގެ ގޮތުގައި 20000ރ.ގެ މުސާރައެއް މަހެއްގެ މައްޗަށް ލިބޭގޮތަށް އެ މެމްބަރުން އަމިއްލައަށް އޮނިގަނޑު ކަނޑައަޅާފައިވާ އިރު ގާތްގަނޑަކަށް އެ މެމްބަރުންގެ މަހު މުސާރަ އަށް އެކަނި ވެސް 6.3 މިލިއަން ރުފިޔާ މަހަކު ދައުލަތުން ހަރަދުވެ އެވެ. އެއީ މެމްބަރުންގެ މުސާރައަށް އެކަނިވާވަރު ކަމުގައިވާއިރު އެހެނިހެން ހަރަދުތަކާއި އެ އިދާރާގެ އިދާރީ ހަރަދުތަކާއި އެ އިދާރާގެ މުއައްޒިފުންގެ ހަރަދުތައް އަދި ކޮއިބައިތޯ އެވެ. މިއީ މިގައުމަށް އެކަށީގެންވާވަރެއް ނޫނެވެ.
އަދި ކޮބައިތޯ އެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން 11.77 މިލިއަން ރުފިޔާ މި އަހަރު ދޫކޮށްފައިވާ އިރު މިހާރު އަޑުއިވިގެންދާ ވާހަކައަކީ ސިޔާސީ ބޮޑެތި ޕާޓީތަކަށް މާލެއިން ބިން ދޫކުރަން ނިންމާ ވާހަކަ އެވެ. ހަގީގަތުއި ވެސް ސިޔާސީ ޕާޓީތައް މިހާރު މިވެފައި ވަނީ ދައުލަތައް އޮތް ބުރައަކަށެވެ.
މިކުޑަކުޑަ ގައުމުގެ އޮނިގަނޑުތަގެ ތެރެއިން މިނިވަން މުއައްސަސާތައް އެކުލަވާލާފައިވާ ގޮތަކީ ވެސް އިސްލާހުކުރަން ޖެހިފައިވާ ދާއިރާ އެކެވެ. ކޮންމެ ދެ އިދާރާއަކަށް ކަހަލަގޮތަކަށް މިނިވަން މުއައްސަސާއެއް އުފައްދާފައިވާ އިރު އެ މުއައްސަސާތަކުގެ ހަރަދުތައް ވަނީ އިންތިހާ ދަރަޔައަކަށް އިތުރުވެފަ އެވެ. އެގޮތުން ކޮންމެ މިނިވަން މުއައްސަސާއަކަށް ގިނަ އަދަދެއްގެ މެމްބަރުން ކަނޑައަޅާފައި ހުންނަ އިރު އެ މެމްބަރުންނަށް ބޮޑެތި މުސާރަތަކެއް ދޭންޖެހެ އެވެ. އަދި އިދާރީ ހަރަދުތައް ވެސް އެހާ ބޮޑެވެ.
ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ކައުންސިލަރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދަދު މަދުކޮށް އެ ގާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށާއި އެ ދާއިރާތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ އިރު އެއީ ދައުލަތަށް އެންމެ އެކަށިގެން ވާވަރު ނޫން ކަމަށެވެ.
ގައުމުގެ ގިނަ އޮނިގަނޑުތަކެއް އެކުލަވާލެވިފައި ވަނީ ދައުލަތައް ބޮޑު ބުރައަކަށްވާ ގޮތަށް ކަމަށްވާ އިރު ސަރުކާރުގެ ހަރަދުތައް ވެސް ހުރީ މިބުނާ ހެނެވެ. ސަރުކާރުގެ ހަރަދުތައް ވެސް ދަނީ ދުވަހަކުން ދުވަހަކަށް ބޮޑުވަމުންނެވެ. ސިޔާސީ މަގާމްތައް ދީގެންވެސް ދައުލަތައް އެކަށީގެން ނުވާވަރަށް މުއައްޒިފުން ވެސް ވައްދަނީ އެވެ. މި އަހަރުގެ ބަޖެޓްގެ ވެސް 70 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. މުވައްޒަފުންނަށް ކުރާ ހަރަދު އޮތީ 20 ޕަސެންޓް ބޮޑުވެފަ އެވެ. އަދި މިއީ ރިޔާސީ އިންތިހާބު އޮންނަ އަހަރަށްވާ އިރު ދަތުރުފަތުރަށް ކުރާ ހަރަދު ވަނީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ.
"އަޅުގަނޑުމެންގެ ދަރަނީ މިހިރީ ރަތް މިންގަނޑުގައި. މި ނޫންގޮތަކަށް ގައުމުގެ އިގްތިސޯދު ކުރިއަށް ގެންދިޔުމުގައި އެބަ ވިސްނަން ޖެހޭ. އުފެއްދުންތެރިކަން އިތުރުކޮށް ކެޕިޓަލަށް ކުރާ ހަރަދު އިތުރުކުރުމަށް ވިސްނަންޖެހޭ. އޭރުން ފުދުންތެރި އިގްތިސޯދެއް އުފެއްދޭނީ. އެހެންނޫނީ ކޮންމެ އަހަރަކު ވެސް ޖެހޭނީ ވަރަށް ދަތިކޮށް ކަންތައްތައް މެނޭޖްކުރަން،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.
މިއަދު މި ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އެންމެ ބޮޑު މައްސަލައަކީ އިގްތިސާދް ކުރިއަށް ނުދިއުމެއް ނޫނެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެއް ކަމަށް ބުނެ ބޭކާރު ހަރަދުތައް އިންތިހާ ދަރަޖައަށް ކުރުމާއި އެއްވެސް ބަޔަކު ހަރަދު ކުޑަކުރުމަށް ނުވިސްނާތީ އެވެ. ގައުމުގެ އޮނިގަނޑުތައް އެކުލަވާލާފައި ވަނީ ނުވާ ވަރުން ގައުމުގެ ކަންކަން ކުރިއަށް ގެންދާށެވެ. މިގޮތަށް މިގައުމު ހިންގަން ވިސްނާ ނަމަ ގުރީސްއަށް ޖެހުނު ދަތުރު ޖެހޭކަށް ދުރެއް ނޫނެވެ، އެހެން ކަމުން މިގައުމުގައި މިއަދު މިއޮތް އޮނިގަނޑުތައް އިސްލާހުކޮށް "ނުފޯރާ ފަތިން ފޫގެޅުން" ހުއްޓުވަންވެއްޖެ އެވެ.