ށ. ފޯކައިދޫގައި 17 އަހަރުގެ އަންހެން ކުއްޖަކު ބަނޑުގައި އޮތް ދަރިފުޅު "އެބޯޓްކޮށްލި" ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ ފޯކައިދޫގައި ރޭ ދަންވަރުގެ ވަގުތެއްގައި އަންހެން ކުއްޖަކު އެބޯޓްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިރޭ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އަންހެން ކުއްޖާ ވިހާފައި ވަނީ ރޭ ދަންވަރު 2:20 އެހާކަންހާއިރު ކަމަށާއި އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންގޮސްފައި ވަނީ ރޭ ދަންވަރު 3:15ގައި ކަމަށެވެ. އަދި "އެބޯޓްކޮށްލައިގެން" ވިހާފައިވާ އެ ދަރިފުޅަކީ ގާތްގަނޑަކަށް 15 ހަފްތާ ވެފައިވާ ކުއްޖެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅިވި އެވެ.

ފޯކައިދޫ ހޮސްޕިޓަލުން ބުނީ 17 އަހަރުގެ އެ އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި މިއަދު ހެނދުނުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ހޮސްޕިޓަލުން ޑިސްޗާޖްކުރުމަށް ފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ސަންއަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅު "އެބޯޓް ކޮށްލިކަން" ފުލުހުންނަށް ރިޕޯޓް ކުރީ އޭނާގެ އާއިލާގެ ފަރާތުން ކަމަށާއި އާއިލާއަށް އެކަންތައްތައް އާއިލާއަށް އެނގުނީ އެ އަންހެން ކުއްޖާ ބޭސްތައް ކެއުމަށް ފަހު ވަރަށް ބޮޑަށް ހޮޑުލަވާ ބަނޑުގައި ރިއްސާތީ އުޅުމުން ކަމަށެވެ.

ސްކޫލް ނިންމުމަށް ފަހު އެ ކުއްޖާ މީހަކާ ނުއިންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.