11 May 2013, 23:24
ސޮނީ ސްޕޯޓްސް ބުރުނު ޝިކާރު ބޮޑީ ބޯޑިން ޗެލެންޖު 2013ގެ ޗެމްޕިއަންކަން ޢަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.
މޫދު ކުޅިވަރަށް ހާއްސަ ކޮށްގެން ހުސްވި އޭޕްރީލް މަހު އުފެއްދި މޯލްޑިވްސް ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ފަރާތުން އިންތިޒާމްކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ބޮޑީ ބޯޑިން ޗެލެންޖުގެ ޗެމްޕިއަންކަން ކުޑައައްޔަ ހޯދާފައިވަނީ ޖުމުލަ 25 ރާޅާ އެޅުންތެރިޔަކު ބައިވެރިވި މުބާރާތަގެ ފައިނަލުގައި މިއަދު އަލީ ޝާމް ރާފިޢު އާއި، ޢަލީ ޖާވީދު އަޙަމްދު (ޖާއްޓެ) އަދި މުޙައްމަދު އިޙްސާން ޙުސެއިން (ޗިއްކޮ)އާ ވާދަކޮށްގެންނެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޗެމްޕިއަންކަން ކުޑައައްޔަ ހޯދީ ޖުމުލަ 77.2 ޕޮއިންޓު ހޯދައިގެންނެވެ. ކުޑަ ތަފާތަކުން ދެވަނައަށް ދިޔަ ޝާން އަށް ލިބިފައިވަނީ 73 ޕޮއިންޓެވެ. އަދި ތިންވަނައަށް ދިޔަ ޖާއްޓެއަށް 52.2 ޕޮއިންޓު ލިބިފައިވާއިރު ހަތަރުވަނައަށް ދިޔަ ޗިއްކޮއަށް ލިބުނީ 50 ޕޮއިންޓެވެ.
މުބާރާތުގެ ޗެމްޕިއަން އަށް 10000 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިންވަނައަށް 2500 ރުފިޔާ ހުށަހެޅިފައިވާ ރާޅާ އެޅުމުގެ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ބައްސަވައިދެއްވީ ސޮނީ ސްޕޯޓްސްގެ ފަރާތުން އަޙްމަދު ކަލީމްއާއި އެމްބީބީއޭގެ ރައީސް ޢަބްދުﷲ ޢަރީފް އާއި ކުޅިވަރާބެހޭ ވުޒާރާގެ ވަޒީރުގެ ނާއިބު ނާއިފް ޝައުކަތާއި އަދި މާލޭ ސިޓީ ކައުންސިލުގެ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ.
ބުރުނު ޝިކާރުގެ ޗެމްޕިއަން އަދި ހުސްވި އަހަރު އޮސްޓްރޭލިޔާގައި އޮތް "އެމެރާލްޑް އެންއެސްޑަބްލިއު ބޮޑީބޯޑް ސްޓޭޓް ޓައިޓަލްސް ރައުންޑް 2" ގެ ސީނިއާ މެންސް ކެޓަގަރީ އިން އެއްވަނަ ހޯދި ކުޑައައްޔަ ބުނީ ރާއްޖޭގައި މިފަދަ މުބާރާތެއްގައި ވާދަ ނުކުރާތާ ގިނަ ދުވަސް ތަކަކަށްފަހު އަނެއްކާވެސް ޗެމްޕިއަންކަން ލިބުމުން ވަރަށް އުފާ ވެއްޖެ ކަމަށާއި ކުރިން މުބާރާތުގައި ވާދަވެރި ކަމެއް ނެތުމުން ޗެމްޕިއަންކަން ލިބުނަސް އެ އިހްސާސް ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް އެހެން އެއްވަނައިގައި އޮންނަ އިރު ކޮމްޕެޓިޝަން ފީލެއް ނާދޭ. އެކަމަކު މިފަހަރު ވަރަށް ދުވަސް ކޮށްލާފަ އަލަށް މިއައީ ކޮމްޕެޓިޝަން ފީލް. މިއުޅޭ ޔަންގު ޖެނެރޭޝަން ވަރަށް ރަނގަޅޭ ދެންނެވޭނީ،" އައްޔަ ބުންޏެވެ.
ރާއްޖޭގެ ބޮޑީބޯޑިން މުބާރާތް ތަކުގައި ވާދަކޮށް ހަފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޑައައްޔަ ބުނީ، މިފަހަރު އޭނައާ ވާދަކޮށް ދެވަނައަށް ދިޔަ އަލީ ޝާމް ރާފިޢު އަކީ ކުރިއަށް އޮތްތާނގައި ވާދަވެރި ނުރައްކާތެރި ރާޅާއެކުންތެރިއަކަށް ވާނޭކަމަށެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގައިވެސް އިސްކޮށް މަސައްކަތްކުރާ ކުޑައައްޔަ ބުނީ އެ އެސޯސިއޭޝަނުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ގައުމީ ބޮޑީ ބޯޑިން ޓީމެއް ނެގޭތޯއާއި އަދި މިއަހަރު ވެނެޒުއޭލާގައި އޮންނަ ވޯލްޑް ބޮޑީބޯޑިން މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ރާއްޖެއަށް ހޯދައިދެވޭތޯއެވެ. އެހެން ނަމަވެސް އެމަސައްކަތާއިގެން ކުރިއަށް ދިއުމަށްޓަކައި ފައިސާގެ ދަތިކަން އެބަހުރި ކަމަށާއި އަދި ސުޕޮންސަރުންނާއި ސަރުކާރުގެ އެހީގައި އެކަންތައް ހަމަޖެހޭތޯ މަސައްކަތް ކުރާނޭ ކަމަށްވެސް ކުޑައައްޔަ ބުންޏެވެ.