މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013 އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގެ އިވެންޓް އޯގަނައިޒަރު ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން ބުނީ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނޭ ކަމަށެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގައި މިފަހަރު ފަސް ކެޓަގަރީ އަކަށް ބާހާލެވިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް އެންޑް ގެސްޓް ހައުސަސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓެކްނޯލޮޖީ އެންޑް ސީއެސްއާރު އެވެ. އެ ފަސް ކެޓަގަރީ 27 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާއިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.

އެވޯޑަށް ކުރިމަތިމަތިލާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އަންނަ ފަރާތްތައް ކަނޑައަޅާނީ އިންޓަނެޓުގެ ޒަރީއާއިން ވޯޓު ދީގެންނާއި އަދި މިނިވަން ޖަޖުންގެ ޕެނަލަކުންނެވެ. މިފަހަރުގެ އެވޯޑްތަކަށް އިންޓަނެޓްގެ ޒަރީއާއިން ދެވޭނީ 40 އިންސަތަ ވޯޓެވެ. އަދި އަނެއް 60 އިންސައްތަ ވޯޓު ދެއްވާނީ އެކަމަށް ކަނޑައަޅާ މިނިވަން ޖަޖުންގެ ޕެނަލަކުންނެވެ. އެންމެ ފަހުން ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޖަޖުންގެ ޕެނަލްގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީއާއި އެމްޓީސީސީގެ ސީއީއޯ ޑރ. އަދުހަމް އަބްދުﷲއާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޑީން ޒީނާޒް ހުސައިން ހިމެނި ވަޑައިގަތެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގެ ވަނަތަކަށް އަންނަ ފަރާތްތައް އިއުލާނު ކުރުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ސަން ހޮޓެލްސްގެ އޮޅުވެލި ބީޗު އެންޑް ސްޕާ ރިޒޯޓްގައި ބާއްވާ ހާއްސަ ހަފްލާއެއްގައެވެ.