11 May 2013, 17:30
ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު އެ މަގާމުން ވަކި ކުރި ނަމަވެސް ސަރުކާރަށް ދެމުން ގެންދާ އެއްބާރު ލުމަށް އެކަމުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަކީ އެ ޕާޓީން އަބަދުވެސް އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ނަމަވެސް އެ ކަމާ ގުޅޭ ގޮތުން ޕާޓީގެ ރަސްމީ ނިންމުން ނިންމާނީ މާދަމާ އައްޑޫ ސިޓީގައި ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ކަމަށެވެ.
"ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު މި ވަނީ ހޯމް މިނިސްޓަރު ކަމުގެ މަގާމުން ވިކި ކުރައްވާފައި. އަޅުގަނޑުމެންނަށް ސަބަބެއް ކަމަށް އެނގިފައި މި ވަނީ ޕީޕީއެމްގެ ރަނިންމޭޓް ކަމުގެ މަގާމަށް އެމަނިކުފާނު ވަޑައިގަތުން. ނަމަވެސް އަޅުގަނޑުމެން ޕާޓީގެ މަސްލަހަތަށް ވުރެ ބޮޑަށް އިސްކަން ދޭނީ ގައުމުގެ މަސްލަހަތަށް. ދަންނަވަން މި އުޅެނީ ޑރ. ޖަމީލް މަގާމުން ވަކިކުރުމަކީ ޕާޓީގެ ފަރާތުން ސަރުކާރަށްދޭ އެއްބާރުލުމަށް ކުޑަވެސް އުނިކަމެއް އަންނާނެ ކަމެއް ނޫނޭ. ނަމަވެސް އެކަމާ ގުޅިގެން ޕާޓީގެ ރަސްމީ ނިންމުން ނިންމާނީ މާދަމާ އޮންނަ ކައުންސިލް ބައްދަލު ވުމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.