ހޯމް މިނިސްޓަރު ކަމުގެ މަގާމުން ވަކި ކުރެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމް ކާމިޔާބު ކުރާނެކަން އެނގިވަޑައިގަންނަވާތީ ޕީޕީއެމް އަށް ދެރައެއް ދިނުމުގެ ބޭނުންމުގައި ކަމަށް ހޯމް މިނިސްޓަރު ކަމުން މިއަދު ވަކިކުރެއްވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ އެ މަނިކުފާނު ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވުމަކީ ވަޒީރުންގެ މަޖިލީހުގައި އިނުމަށް ހުރަހެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އޭނާ ވަކިކުރައްވާފައި ވަނީ ޕީޕީއެމް ބަލިކޮށްލުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކަމުގެ [މިނިސްޓަރު ކަމުން ވަކި ކުރެއްވުމުގެ] އަސްލަކީ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުން ޕީޕީއެމް މޮޅުވާނެ ކަމަށް ފެންނާތީވެ ޕީޕީއެމްއާއި ޕީޕީއެމް މެންބަރުން ބަލިކޮށް ދެރަ އެއް ދިނުން. އެގޮތުން އެޅުއްވި ފިޔަވަޅެއްގެ ގޮތުގައި،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމް އެކުލެވިގެން ވަނީ އަދި އެހެން ގައުމުތަކުގައި ހިނގާ ބަރުލަމާނީ އަދި ރިޔާސީ ނިޒާމުގައި ވެސް ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ކަނޑައަޅާ ބޭފުޅަކަށް ވަޒީރުންގެ މަޖިލީހުގައި އިނުމަކީ މައްސަލައެއް ނޫން ކަމަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ގާނޫނީ ނިޒާމް އޮތް ގޮތުންނާއި ހަމަ އެއާ އެކު ދުނިޔޭގެ އެހެން ތަންތަނުގައި މި ނިޒާމް އެކުލެވިފައިވާ ގޮތައް ބާލާ އިރު އެފަދަ ގޮތަކަށް [ރިޔާސީ ކެންޑިޑޭޓެއް ރަނިންމޭޓަކަށް ވުމުން] މަސްލަތު ފުށުއަރާ ކަމަކަށް ބަޔާންކޮށްފައެއް ނެތް. ހަމަ އެއާއެކީގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެނިގެންދަނީ ބަރުލަމާނީ ނިޒާމްކަމުގައި ވިއަސް ރިޔާސީ ނިޒާމްކަމުގައި ވިއަސް ވެރިކަމުގެ ތެރެއިންނާއި ވެރިކަމުގެ ބޭރުން ހަމަ ރިޔާސީ ކެންޑިޑޭޓުންނާއި ނުވަތަ ބަރުލަމާނީ ނިޒާމްގައި ވިއަސް ޕްރައިމް މިނިސްޓަރުން ނިމެވަޑައިގެންވުމަށް މަސައްކަތްކުރައްވާތަން،" ޖަމީލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ ކުރީގެ ނައިބު ލީޑަރު ޑރ. ޖަމީލް ހޯމް މިނިސްޓަރު ކަމުން ވަކިކުރައްވާފައި ވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވާކަމުގައިވާ ނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް އެންގުމަށްފަހުގަ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިންގެ ރަނިމޭޓަކަށް ޑރ. ޖަމީލް ހަމަ ޖައްސަވާފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.