11 May 2013, 16:06
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކިކުރުމުން ޕީޕީއެމްގެ ކުއްލި ޖަލްސާއެއް އައްޑޫ ސިޓީގައި މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.
ޕީޕީއެމް އިން ދެންމެ ބުނީ އެ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ސަން ްއަށް ވިދާޅުވީ މާދަމާގެ ކައުންސިލް ބައްދަލުވުގައި ކޯލިޝަންގައި އެ ޕާޓީން ކުރިއަށް އޮތް ތަނުގައި ކަންކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ.
"ޑރ. ޖަމީލް މަގާމުން ވަކި ކުރުމާ ގުޅިގެން އަޅުގަނޑުމެން މާދަމާ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް އައްޑޫގައި ބާއްވާނަން. މި ބައްދަލުވުމުގައި އެ ކަމާ ގުޅިގެން ނިންމާ ރަސްމީ ނިންމުން ނިންމާނަން. އަދި ގަރާރެއް ވެސް ފާސްކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ހާލަތު މި ވަގުތު އޮތް ގޮތުން އެއްވެސް ވަޒީރަކު މަގާމުން ވަކިކުރުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ލީޑް ކުރައްވާ ޕީޕީއެމްއަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެެވެ. އެ ކޯލިޝަން ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ 20 މެންބަރުން ތިއްބަވަ އެވެ. އަދި އެ ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 12 އެވެ.
ހަތްދިހަ ހަތް މެންބަރުންގެ މަޖިލީހުގައި އެމްޑީޕީގެ ސައިޒަކީ 32 މެންބަރުންނެވެ.
ޕީޕީއެމްގެ ތަމްސީލު ކުރައްވާ ތިން މިނިސްޓަރަކު މިހާރު ވެސް ސަރުކާރުގައި އެބަތިއްބެ އެވެ. އެއީ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޔޫތު މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު އެވެ.