25 Oct 2010, 09:13
ކުރީގެ އެޓޯލް މިނިސްޓަރު އަބްދުﷲ ހަމީދު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެހެން މީހަކަށް ނާޖާއިޒު ފައިދާ ނަގައިދިން ކަމަށް ބުނާ މައްސަލަ ފަސް ވަނަ ފަހަރު ކްރިމިނަލް ކޯޓްގައި ޝެޑިއުލުކޮށްގެން ވެސް މިއަދު ބޭއްވޭ ގޮތެއް ނުވި އެވެ.
މިނިސްޓަރު ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2009 ގަ އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ މިނިސްޓަރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ހިންގުމަށް ފަސް ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށާއި މިނިސްޓަރުގެ ގެ ހ. މީނާޒަށް ދިއުމުން އެ މަނިކުފާން ރާއްޖޭގައި ނޫޅުއްވާ ކަމަށް ކޯޓަށް ޖަވާބު ދެމުންދާތީ މިނިސްޓަރުގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމަށް ވެސް ދެ ފަހަރެއްގެ މަތިން އިމިގްރޭޝަންގައި އެދުމުން ވެސް ހަމީދު ރާއްޖޭގައި ނޫޅުއްވާ ކަމަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އަދި އެ ޝަރީއަތް ހިންގުމަށްޓަކައި ހަމީދު ހާޒިރުކޮށް ދެއްވުމަށް ފުލުހުންގެ ކިބައިން އެދުމުން ވެސް ހަމީދު ރާއްޖޭގައި ނޫޅުއްވާ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.
ފުލުހުންގެ ސަބް އިންސްޕެޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިނިސްޓަރު ހަމީދު ޝަރީއަތަށް ހާޒިރު ކޮށްދިނުމަށް ކްރިމިނަލް ކޯޓުން އެދުމުން އެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ހަމީދު ރާއްޖެ ވަޑައިގެން ނޫޅުއްވާތީ އެ މަނިކުފާން ހާޒިރު ކޮށްދެވޭ ގޮތް ނުވެފައިވާކަން ކޯޓަށް ވެސް އަންގާފައިވާނެ ކަމަށެވެ.
މިނިސްޓަރު ހަމީދު ހުންނަވަނީ ރާއްޖޭން ބޭރުގަ އެވެ. އެ މަނިކުފާނަކީ ދިވެހި ދައުލަތުން ނިޝާން އިއްޒުއްދީނު (ނޫނު އައިނު އައިނު)ގެ ލަގަބު ދެއްވާފައިވާ ބޭފުޅެކެވެ.