11 May 2013, 15:40
ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު އެ މަގާމުން ވަކިކުރައި އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަަވަން ފިޝަރީޒު މިނިސްޓަރު އަހުމަދު ޝަފީއުއާ ހަވާލުކުރައްވައިފި އެވެ.
ޝަފީއުއާ އެ މިނިސްޓްރީ ހިންގަވަން ހަވާލުކުރެއްވިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޑރ. ޖަމީލު ހޯމް މިނިސްޓަރުކަމުން ވަކިކުރެއްވިކަން ޖަމީލު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ޑރ. ޖަމީލު މަގާމުން ވަކިކުރެއްވުމުގެ ކުރިން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ މަގާމު ގަބޫލުނުކުރެއްވުމަށް ޖަމީލަށް ސަރުކާރުން ވަނީ އިރުޝާދު ދެއްވައިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު، ރައިވަލް ކެންޑިޑޭޓްގެ ރަނިންމޭޓް ކެބިނެޓްގެ އެއް ފަރާތުގައި އިންނަވައިގެން މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށް ޖަމީލަށް އެންގެވި އެވެ. އަދި އޭރުން ސީދާ ކޮންފިލްކްޓް އޮފް އިންޓަރެސްޓާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އެންގެވި އެވެ.
ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރުކަމަކީ ވަރަށް ތަފާތު ދެ މިނިސްޓްރީ ކަމަށާއި އެ ދެ މިނިސްޓްރީ ހިންގަވާ ބޭފުޅުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލޯޔަލްޓީ އޮންނަން ޖެހޭނެ ކަމަށެވެ.