11 May 2013, 15:13
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އައްޑުއަތޮޅުގެ ރައްޔިތުންނަށް ހެޔޮއެދޭނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ އައްޑުއަތޮޅަކީ ރާއްޖެ އަށް އައިސްފައިވާ ތަރައްގީގެ ވަރަށް މުހިންމު ބައެއް ހިއްސާ ކުރާ އަތޮޅެއް ކަމަށާއި ނަމަވެސް ކުރީގެ ރައީސް ނަޝީގެ ސަބަބުން އައްޑުއަތޮޅުގެ ތަރައްގީ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށެވެ.
ނަޝީދުގެ ވެރިކަން ބަދަލުވިތާ ޖެހިގެން އައި ދުވަހު އައްޑޫގައި ހުރި ސަރުކާރުގެ ގިނަ އިމާރާތްތަކުގައި ހުޅުޖަހައި އަންދާލި މައްސަލައަށް އިޝާރާތްކުރައްވައި ޑރ. ޖަމީލު ވިދާޅުވީ އެއީ ނަޝީދުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށެވެ.
"ދިވެހިރާއްޖެއަށް މިއަދު ގެނެސްފައިވާ ތަރައްގީގެ ވަރަށް ފުރިހަމަ ބައެއް އައްޑުއަތޮޅު ވަނީ ހިއްސާ ކޮށްފައި. އައްޑޫއަށް ގެނައި މި ތަރައްގީތަ މިވަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިފައި. އާދެ މި ދެންނެވި ގޮތަށް އައްޑޫއަށް އައިސްފައިވާ ތަރައްގީތައް އަނދައި އަޅިއަށް ވެގެންދިޔައީ މަގާމުން އިސްތިއުފާ ދެއްވައި ރައީސް ނަޝީދު ހިންގެވި ކަންތައްތަކުގެ ތެރެއިން އެތައް ބަޔަކު ނިކުމެ ރާއްޖޭގެ އެކި ތަންތަނުގައި ހުޅުޖަހާ އަންދާލުމުގެ ސަބަބުން،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ އައްޑޫ ސިޓީގައި ހުރި ކޯޓުތަކާއި ޕޮލިސް ސްޓޭޝަން ފަދަ ދައުލަތުގެ މުހިންމު މުއައްސަސާތަކުގައި ހުޅުޖަހައި އަންދާލާފައިވާތީ އެކަމުން ވެސް ނަޝީދަކީ އައްޑޫގެ ރައްޔިތުންނަށް އިޚުލާސްތެރި ބޭފުޅެއް ނޫންކަން އެނގިގެންދާ ކަމަށެވެ.
"އެހެން ވީމަ އެއް ވެސް އިހްލާސްތެރި ކަމެއް ހުރި ބޭފުޅެއް ކަމަށްވާނަމަ ވަރަށް ސާފް ކޮށް އަޅުގަނޑުމެންނަށް އެނގޭ ހަގީގަތަކީ އެއް ވެސް ޝައްކެއް ނެތް ގޮތުގައި މިއަދު ރިޔާސީ އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއަށް ބައިވެރިވެ ވަޑައިގެން އައްޑުއަތޮޅުގެ ރައްޔިތުންނަށް އެތައް ވަޢުދުތަކެއް ވެވަޑައިގެންނަވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އައްޑުއަތޮޅުގެ ރައްޔިތުންނަށްޓަކައި ހެޔޮއެދޭނެ ބޭފުޅެއް ނޫންކަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހައި އަންދާލި މައްސަލައާ ގުޅިގެން އެ ސިޓީ އަށް ނިސްބަތްވާ އެތައް ބައެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހްމަދު މިރުޒާދު ވެސް ހިމެނެއެވެ.
އެ ދެ ބޭފުޅުން ވެސް ވަނީ ދައުލަތުން ކުރެއްވި ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.
އައްޑޫ ސިޓީގެ އިތުރުން ދެން ހުޅުޖަހައި އަންދާލާފައި ވަނީ ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތެއްގަ އެވެ.
ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އެތަނުގައި ބޭނުންކުރަމުން ގެންދިޔަ ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި ވެސް ވަނީ ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.
އެތަންތަނުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ތިނަދޫ އެސްޓީއޯ ފިހާރައިގެ ކުރީގެ މެނޭޖަރު އެރަށު ލިލިއަންޕާކް މުހައްމަދު ނިޒާމް އާއި ތިނަދޫ ދިރާގު އޮފީހުގެ އިސް ބޭފުޅެއް ކަމަށްވާ އެ ރަށު ޖައްވު، މުހައްމަދު ލިރާރު އަލީ އާއި ކާޑެއްދޫ އެއާޕޯޓުގެ މެނޭޖަރު އެރަށު ފްލޯސްލައިޓް އަލީ ރިޔާޒުގެ އިތުރުން ބީއެމްއެލް ތިނަދޫ ބްރާންޗުގެ ލޯން އޮފިސަރު އެރަށު ފަސްޓްއެވެނިއު މުހައްމަދު އަލީ ވެސް ހިމެނެއެވެ.
މީގެ އިތުރުން ގދ. އަތޮޅު ކައުންސިލް މެންބަރު އަހްމަދު ގައިސު އާއި ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ޒާހިރު އާއި ތިނަދޫ ކައުންސިލް މެންބަރުން ކަމަށްވާ ހައުލަތު އަލީ އާއި ކިނާނަތު މުހައްމަދު އާއި އަލީ ޝާމްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަކީ އެމްޑީޕީން ކޮށްފައިވާ ކަމެއްކަމަށް ބުނެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް އެމްޑީޕީން ގެންދަނީ ދޮގުކުރަމުންނެވެ.