11 May 2013, 14:48
ގްލޯބަލް ކާގޯ ކެއާއިން ސްޕޮންސާ ކޮށްގެން ބާއްވާ ގްލޯބަލް ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ހިންނަވަރު ހިރިޔާ ވާދަކުރި ދެވަނަ މެޗުންވެސް އެކުލަބު ބަލިވެއްޖެއެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ހެނދުނު އެމްއެސް އެކަޑަމީއާ ވާދަކޮށް މުބާރާތުގެ މިދިޔަ އަހަރުގެ ރަނަރަޕް ހިރިޔާ ބަލިވީ 61 ލަނޑުގެ ތަފާތުންނެވެ.
ޓޮސް ދިމާވެގެން އެމްއެސް އެކަޑަމީއިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 143 ލަނޑު ހަދާފައިވާއިރު ޖަވާބުގައި ކުޅެންއަރައި، 18.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހިރިޔާއަށް ހެދިފައިވަނީ 82 ލަނޑެވެ.
އެ މެޗުގައި އެމްއެސް އެކަޑަމީއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ، 39 ލަނޑު ހެދި މުއާވިޔަތު އަބްދުލްޣަނީއާއި 23 ލަނޑު ހެދި މިހުސާން ހާމިދުއެވެ. އަދި އެޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 23 ލަނޑަށް ދެ ވިކެޓް ނެގި މަހުމޫދު ރިޔާޒާއި 27 ލަނޑަށް ދެ ވިކެޓް ނެގި މުހައްމަދު ސައީދުއެވެ.
ހިރިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑު ހެދި މަހުމޫދު ރިޔާޒްއެވެ. އަދި އެޓީމުން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރު 10 ލަނޑަށް ހަތަރު ވިކެޓް ނެގި މުހައްމަދު ޝާފީއާއި ހަތަރު އޯވަރު 16 ލަނޑަށް ތިން ވިކެޓް ނެގި ލީމް ޝަފީގުއެވެ.
މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ މާލޭ ސްޕޯޓްސް ކުލަބާއި ވެސްޓް ސްޕޯޓްސް ކުލަބެއެވެ. މާދަމާ މެންދުރު ފަހު 3:00ގައި ފެށުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ.