11 May 2013, 14:18
ސީޝެލްސްގައި އަންނަ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ގައުމު ވާދަކުރާ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރި ނުކުރާ ކަހަލަ ގޮތަކަށް މަޝްވަރާ ކުރެވިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއު އެއްގައި އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް، އަލީ ސުޒޭން ވިދާޅުވީ އެ މުބާރާތުގައި ގައުމީޓީމު ބައިވެރި ކުރުމަށް އެފްއޭއެމްއިން ތައްޔާރަށް އޮތް ކަމުގައިވީ ނަމަވެސް ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބު ތަކުން އެގޮތް ބޭނުން ނޫން ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ މުބާރާތުގައި ބައިވެރިވާން ތައްޔާރަށް. އެހެން ނަމަވެސް ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން ގޮތެއް ނިންމާނީ ކުލަބުތަކުން ބޭނުންވާ ގޮތެއް ބަލާފައި. ކުލަބު ތަކާއެކު މިހާތަނަށް ކުރެވުނު މަޝްވަރާ ތަކަށް ބަލާއިރު ގިނަ ކުލަބުތަކުން އެ މުބާރާތުގައި ބައިވެރިވާން ބޭނުމެއް ނުވޭ،" ސުޒޭން ވިދާޅުވިއެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަންގައި ހިމެނޭ އަށް ކުލަބުގެ ތެރެއިން ސީޝެލްސް މުބާރާތުގައި ބައިވެރިވުމަށް އިންކާރު ކޮށްފައި ނުވަނީ އެންމެ ކުލަބަކުންނެވެ.
ސީޝެލްސްގެ އެފްއޭއިން އެގައުމުގެ އެކުވެރި ތިން ގައުމަކަށް ދައުވަތުދީގެން އަހަރަކު އެއްފަހަރު އެގައުމުގައި ބާއްވާ "ފޯނޭޝަންސް" ކަޕުގައި ބައިވެރި ވުމާދޭތެރޭގައި ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ކުލަބު ކަމަށްވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޑައިރެކްޓަރު އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ، އެ މުބާރާތުގައި ގައުމީ ޓީމުން ބައިވެރި ވެއްޖެ ނަމަ ދިވެހި ލީގު މެދު ކަނޑާލަން ޖެހުމާއި އަދި ލީގު ދިގުލައިގެން ދިއުމުގެ ސަބަބުން ކުޅުންތެރިންނަށް ކުލަބުތަކުން ކުރަންޖެހޭ ހަރަދުތައްވެސް އިތުރުވެގެން ދާނޭ ކަމަށެވެ.
ބީޖީ ސްޕޯޓްސްގެ އޮފިޝަލަކު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބީޖީގެ ވިސްނުމަކީވެސް އެމުބާރާތުގައި ބައިވެރި ނުވުން ކަމަށެވެ. އެހެން ނަމަވެސް ކުލަބް އީގަލްސްގެ އޮފިޝަލަކު ވިދާޅުވީ އެ މުބާރާތުގައި ބައިވެރި ވުމާ ދޭތެރޭގައި އީގަލްސްގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ.
އަންނަ ޖޫންމަހުގެ ތެރޭގައި ސީޝެލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމުބާރާތުގައި ރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން ސުވާލު ކުރުމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައި ވަނީ އެފްއޭއެމްގައި އެފަދަ މުބާރާތެއްގައި ބައިވެރި ވުމަށް މާލީގޮތުން ވަރަށް ބޮޑެތި ދަތިތަކެއް އެބަ ހުރިކަމަށެވެ.
ރާއްޖެއިން ބޭރުގައި ބޭއްވޭ އެފަދަ މުބާރާތެއްގައި ބައިވެރިވުމުގެ މާލީ ތަނަވަސްކަން އެފްއޭއެމްގައި ނެތްކަމުގައި ވީނަމަވެސް ސުޒޭން ވިދާޅުވީ އެމުބާރާތަށް ކުރަންޖެހޭ ހުރިހާ ހަރަދުތަކެއް ވަނީ ހަމަޖެހިފައި ކަމަށެވެ.
"އެފްއޭއެމްގައި އެކަމަށް ހަރަދު ކުރާނޭ ދިހަރުފިޔާވެސް ނެތް. އެކަމަކު މުބާރާތަށް ދާނޭ ހުރިހާ ހަރަދެއް ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން، ޔޫތު މިނިސްޓްރީން ވަނީ ދެއްވާފައި. އަދި ގިނަ ވިޔަފާރިވެރިންތަކެއްވެސް އެކަމަށް ހަރުދު ކޮށްދެއްވަން ތައްޔާތަށް އެބަ ތިއްބެވި،" ސުޒޭން ވިދާޅުވިއެވެ.
ސުޒޭން އިތުރަށް ވިދާޅުވީ އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު އަތޮޅުތެރެއަށް މިވަގުތު ކުރަށްވަމުން ގެންދަވާ ދަތުރުފުޅެއް ނިންމަވާފައި މާލެ ވަޑައިގަތުމުން، ހަތަރު ގައުމު ވާދަކުރާ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ބައިވެރިވުމާ ދޭތެރޭގައި އެފްއޭއެމްއިން ގޮތެއް ނިންމައި އަންނަ ހަފްތާ ތެރޭގައި އެކަން އިއުލާނު ކުރަށްވާނޭ ކަމަށެވެ.