11 May 2013, 13:33
ތްރީވޭ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ "އެންޖޯއީ" ޑްރިންކުން މިއަހަރުގެ ދެވަނަ ޑިވިޝަން ޗެމްޕިއަންޝިޕް ސްޕޮންސާ ކޮށްފި އެވެ.
މުބާރާތުގެ ސްޕޮންސާޝިޕް އެގްރިމެންޓުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ އެ އެ އިދާރާގެ ނައިބު ރައީސް ޢަބްދުލް މުހުސިން ޙަމީދު (ޖޭފޯ) އެވެ. ތްރީވޭ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސެއިން ޝިޔާނެވެ.
މި ސްޕޮންސާޝިޕްގެ ދަށުން މި އަހަރުގެ ދެވަނަ ޑިވިޝަން ޗެމްޕިއަންޝިޕް ކުރިއަށް ދާނީ "އެންޖޯއީ ޗެމްޕިއަންޝިޕް"ގެ ނަމުގައެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާނީ އެފްއޭއެމްގެ އެއްނަންބަރު ޓާފު ދަނޑުގައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާ ދެޓީމަކީ ހުސްވިއަހަރުގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީއާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ޖުމުލަ ނުވަ ޓީމެކެވެ. ނުވަޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ގްރޫޕް އެކެއްގައި ހިމެނޭ ޓީމް ތަކަކީ ޔުނައިޓެޑް ވިކްޓަރީ އާއި މަހިބަދޫ ސްޕޯޓްސް ކުލަބާއި ކުލަބު ރިވަސައިޑް، ކުލަބް ގްރީން ސްޓްރީޓް އަދި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދޭއްގައި ލައްވައިލި ޓީމުތަކަކީ، މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓުވި، ވިޔަންސާ، ކުލަބް ޒެފްރޯލް، ކުލަބް ގާމަގު އަދި ސްޕޯޓްސް ކުލަބް މެކާނޯއެވެ.
ދެގުރޫޕްގެ މެދުގައި ލީގު އުސޫލުން ކުޅެ ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް ދެވަނަ ބުރަށްދާނެއެވެ. އަދި އެ ހަތަރު ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެޓީމެއް ފައިނަލަށް ދާނެއެވެ. މުބާރާތުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު އެންމެ ދަށް ނަތީޖާ ހޯދާޓީމެއް ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެއެވެ.
ކުރިން ފުރަތަމަ ޑިވިޝަންގައި ރަނގަޅު ކުޅުމެއް ދައްކުވައި ދީފައިވާ އަދި ފަހުން ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެ އެ ޑިވިޝަންގައިވެސް ކުރިއެރުންތަކެއް ހޯދި މަޝްހޫރު ހުއްރިއްޔާ ސްޕޯޓްސް ކްލަބް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.