11 May 2013, 13:32
ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށާއި އެއީ ރައީސް މައުމޫންގެ "ބިނާކުރަނިވި ފިކުރާ"އި ރައީސް ނަޝީދުގެ "ފަނާކުރަނިވި ފިކުރު" ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދެ އަހަރު ތެރޭގައި ރާއްޖޭގައި ސިޔާސީ ގޮތުން އެހެން ތިން ވަނަ ފިކުރެއް އުފެއްދިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ތިން ވަނަ ފިކުރެއް އުފެއްދުން އެއީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ރާއްޖޭގައި ތިން ވަނަ ފިކުރެއް އޮތް ކަމަށް ގަބޫލުކުރުން އެއީ އިންސާފްވެރި ގޮތެއް ކަމަށް ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އައްޑު އަތޮޅަށް ވިސްނާލިޔަސް އެބައެނގޭ ރާއްޖޭގައި އޮތީ ދެ ފިކުރު ކަން. އެއީ ބިނާ ކުރަނިވި ފިކުރާއި ފަނާ ކުރަނިވި ފިކުރު. ފަނާ ކުރަނިވި ފިކުރުން މިވަނީ މިތަނުގެ ހުރިހައި ތަނެއް އެންމެ ހިނދު ކޮޅެއްގެ ތެރޭގައި ހުޅުދާނަކޮށް ނިމިފައި. ދެން އޮތީ 30 އަހަރުގެ ފިކުރު އެ ފިކުރުގެ މަތީގައި އަޅުގަޑުމެން އިގްތިސާދީ ގޮތުން ކުރާހާ ތަރައްގީއެއް މި ކުރަނީ. އެހެންވީމާ މި ދެ ފިކުރު ފިޔަވައި އެހެން ފިކުރެއް އަޅުގަނޑަކަށް ނުފެނޭ. ސިޔާސީ ގޮތުން ވެސް ވިސްނާލާއިރު ގަބޫލެއް ނުކުރެވޭ ދިގު މުއްދަތެއްގެ ތެރޭގައި މައުމޫން ފިކުރު ސިއްކަ ޖެހިފައިވާ އިރު ކުރު މައްދަތެއްގެ ތެރޭގައި ތިން ވަނަ ފިކުރެއް އުފެެއްދިދާނެ ކަމަކަށް. ސިޔާސީ ގޮތުން ވެދާނެ ކަމެއް ނޫން އެއީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް އިން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދަންް ބޭނުން ނުވަނީ ނޫން ކަމަށާއި އެ ޕާޓީން އެހެން ޕާޓީތަކާ ކޯލިޝަން ހަދާނެކަން 23 ޑިސެންބަރު އިއްތިހާދުން ވެސް ފެނިގެން ގޮސްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން އެއް ވަނާގައި އޮތީ ރައީސް މައުމޫންގެ ބިނާ ކުރަނިވި ފިކުރު ކަމަށާއި އެހެން ކަމުން ޕީޕީއެމްއިން ކޯލިޝަން ނަހަދައިގެން ވާހަކަ ދައްކާ ފަރާތްތަކަކީ އެއީ ތިން ވަނަ ފިކުރެއް ކަމަށް ގަބޫލު ކުރާނަމަ އެއް ވަނަ ފިކުރާއި ދެވަނަ ފިކުރާއި އެއްކޮށް ތިން ވަނަ ފިކުރަށް ކޯލިޝަން ހެދުން އެއީ މުސްތަހިއްލު ކަމެއް ކަމަށެވެ.
ޔާމީން ވިދާޅުވީ ޕާޓީގެ މެންބަރުންގެ އަދަދު ގިނަ ކުރުމަށް މަސައްކަތް ނުކުރާ ޕާޓީއެއްގެ ފޯމްގައި ސޮއި ކުރާ ފޯމަކީ އެއީ ޑަސްޕިނަށް އެއްލާލާ ފޯމެއް ކަމަށައި އަދި ނުހޮވޭނެ ބޭފުޅަކަށް ވޯތް ލުމަކީ އެއީ ހަމަ ޑަސްޕިނަށް އެއްލާލާ ކަރުދާސް ކޮޅެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ލައްވާ ވޯޓް ކަރުދާހަކީ ވެސް އަދި ޕާޓީއަކަށް ފުރުއްވާ ފޯމަކީ ވެސް އެއް ގޮތަކަށް ވެސް ޑަސްޕިނަށް އެއްލާލާ އެއްޗަކަށްަ ނުހައްދަވާ. ޕާޓީއެއްގެ އަދަދު އިތުރު ނުކުރެވޭ ޕާޓީއަކަށް ފޯމް ފުރާ ކަމަށްވައްޏާ އެއީ ހަމަ ޑަސްޕިނަށް އެއްލާލެވޭ ކަރުދާސް ކޮޅެއް. ނުހޮވޭނެ މީހަކަށް ވޯޓެއް ލުމަކީ އެއީ ރައްޔިތުންގެ ހައްގުގައި ކަމުގައި ވިޔަސް އަދި ތަރައްގީގެ ހައްގުގައި ކަމުގައި ވިޔަސް އެއީ ހަމަ ޑަސްޕިނަށް އެއްލށލެވޭ ކަރުދާސް ކޮޅެއް. އެހެން ވީމާ އައްޑުއަތޮޅު ރައްޔިތުންގެ އަތްމަތީގެ މިކަން އޮތި." ޔާމީން ވިދާޅުވި އެވެ.