ވިއްސާރަ މޫސުމުގައި މާލޭގެ ހުޅަނގު ފަރާތުގައި ބޮޑުވާ ފެންގަނޑު ހިންދައި، އެ މައްސަލަ މުޅީން ހައްލު ކުރުމުގެ މަސައްކަތް ފަސް މިލިއަން ރުފިޔާއަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލު ކުރާން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު "ސަން" އާ މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރާނެ ގޮތުގެ ސާވޭ ރިޕޯޓު ނިންމުމަށް ފަހު ފެން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލް މިހާރު ވާނީ ފިނޭންސް މިނިސްޓްރީއަށް ވެސް ހުށަހަޅައިފައި ކަމަށެވެ.

".....ފެން ބޮޑުވާ މައްސަލަ ހައްލު ކުރެވޭނީ ކިހިނެއްތޯ އެމްޑަބްލިއުއެސްސީ ގައި ދަންނަވައިގެން ދެބައި މީހުން ގުޅިގެން ސާވޭ ތަކެއް ހަދައި ވަރަށް ވަރުގަދަ ރިޕޯޓެއްވެސް ތައްޔާރުކޮށް މިހާރު އެ ބޭފުޅުން ޕްރޮޕޯސަލްވެސް ހުށަހަޅައިފި. ދެން އަޅުގަނޑުމެން އެ ޕްރޮޕޯސަލް މިހާރު ވާނީ ފިނޭންސް މިނިސްޓްރީއަށް ވެސް ހުށަހަޅައިފައި. އެ ކަމަށް ފަސް މިލިއަނަށް ވުރެ ގިނަ ފައިސާ ޚަރަދުވޭ،" އަލިބެ ވިދާޅުވިއެވެ.

މުވައްޒަފުންގެ ދަތިކަން ފާހަގަ ކުރައްވަމުން އަލިބެ ވިދާޅުވީ މުޅި މާލޭގެ މަގުތަކާއި ކާނުތައް ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ގާތް ގަނޑަކަށް 50 ވަރަކަށް މުވައްޒަފުން ކަމަށެވެ. އަދި މަގު ތަކާއި ކާނުތައް ސާފު ކުރުމުގެ މަސައްކަތްކަތުގައި ކުރީން ބޭނުން ކުރަމުން އައި ހުރިހާ އާލާތެއް ރޯޑު ކޯޕަރޭޝަނާއި ހަވާލު ކުރުމާ ގުޅިގެން މަގުތަކުން ފެން ހިންދަން ބޭނުން ކުރާނެ ޕަންޕެއް ހާ ހިސާބު ވެސް އެ ކައުންސިލްގައި މިހާރު ނެތް ކަމަށެވެ.

"މީގެ ކުރީގައި މަގު ހަދާ ހުރިހާ ސާމާނެއް ހުންނަނީ އަޅުގަނޑުމެންގެ އަތުގައި. ނަމަވެސް ރޯޑު ކޯޕަރޭޝަން ހަދައިފައި އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ އެސެޓްސްތައް ބަދަލް ކޮށްލީ އެމީހުންނަށް. ދެން މިވާ ގޮތަކީ މަގުމަތީ އަޅާނެ ގަލެއް ވިޔަސް އެހެން އެއްޗެސް ވިޔަސް މި ޖެހެނީ އެ މީހުން އަތުން ގަންނަން. ގަންނަން ބަލާލާ އިރު ފައިސާއެއް ނެތް،" އަލިބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިހާރަތަކުގެ ކުރިމަތީ ބަހައްޓައިގެން ތަރުކާރީ އާއި އެފަދަ އެހެނިހެން ބާވަތްތައް ވެސް ސާފު ކުރުމަށްފަހު އޭގެ ތެރެއިން ކުނީގެ ގޮތުގައި ބާކީ ކޮށްލާ ތަކެތި ކާނު ތަކުގެ ތެރެއަށް އަޅާލާ ކަމުގެ ޝަކުވާ ވަރަށް ގިނައިން އެ ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތް ތަކުން ސިމެންތި އާ ހިލަ ފަދަ ތަކެތި ކާނު ތަކުގެ ތެރެއަށް އެޅުމަކީ ވެސް މިހާރަކަށް އައިސް ވަރަށް އާއްމު ކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"ފިހާރަ ތަކުގެ ކުރިމަތީގައި ބަހައްޓައިގެން ކެބެޖް ސާފު ކުރުމާއި، ބިސް ސާފު ކުރުމާއި، މި ކަންކަން މި ކުރަނީ. ދެން ބާކީވާ ބައި މި އަޅާލަނީ ކާނުގަނޑުގެ ތެރެއަށް އިނގޭތޯ. ދެން ކޮންކްރީޓް ކުރާ މީހުންވެސް ކާނު ގަނޑުގެ ތެރެއަށް ހުރިހާ ސިމެންތިއެއް މި އޮއްސާލަނީ. ދެން ކިހިނެއްތޯ އޮބި އޮންނާނީ. ނިކަން ވިސްނާލަ ބަލަ،" އަލިބެ ވިދާޅުވިއެވެ.

މާލެއަށް މެދު ނުކެނޑި ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މަގު ތަކުގައި ފެން ބޮޑުވެ ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ވަރަށް ބޮޑަށް ދަތިވެ އުނދަގޫވާ ކަމުގެ ޝަކުވާ އަކީ މިހާރަކަށް އައިސް އާއްމު ޝަކުވާ އެކެވެ.