ކުޑަކުދިން ލައްވާ ޖިނާއީ ބޮޑެތި ކުށްތައް ކުރުވަނީ އެ ކުދިންނަށް ޤާނޫނީ ގޮތުން ހުކުމެއް ނާންނާނެކަން ވިސްނައިދީގެންކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށް ފުލުހުން ބުނެފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ފުލުހުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާވައިގެން ހިންގާ މާރާމާރީ އާއި އެނޫން ވެސް ޖިނާޢީ ބައެއް ކުށްތައް ކުރުމުގައި ކުޑަކުދިން ބައިވެރި ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން ކުޑަކުދިންލައްވައި އެފަދަ ކުށްތައް ކުރުވަނީ އެ ކުދިންނަށް ޤާނޫނީ ގޮތުން ހުކުމެއް ނާންނާނެކަން އެކުދިންނަށް ވިސްނައިދީގެންކަން ފުލުހުންގެ ތަހުގީގުތަކުން އެނގޭ ކަމަށެވެ.

ފުލުހުން އަދި ބުނީ މާރާމާރީތަކުގަ އާއި މަގުމަތީގައި ހިންގާ ޢާންމު އިޖުތިމާޢީ މިންގަޑާއި ޚިލާފު ޢަމަލުތައް ކުރުމުގަ އާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އެއްގަމު ދަރުތުފަތުރުގެ ޤާނޫނާއި ޚިލާފު ޢަމަލުތައް ކުރުވުމާއި ވައްކަމުގެ މައްސަލަތަކުގައި ވެސް ކުޑަކުދިން ބައިވެރިކޮށްފައި ހުންނަކަން ސާބިތުވާ ކަމަށެވެ. އަދި އެފަދަ ޢަމަލުތައް ހިންގުމަށް ފަހު އެ ކުދިންނަށް ކޮންމެވެސް އެއްޗެއްދީ ނުވަތަ އެ ކުދިން ބޭނުންވާ ކޮންމެވެސް ކަމެއްކޮށްދީ ނުވަތަ ދޭނަމޭ ބުނެ އެ ކުދިން އެފަދަ ކުށުގެ ތެރޭގައި ބައިވެރިކުރާ ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ދ. ކުޑަހުވަދޫ އައްޔުބޭގެ މަރުގެ ހާދިސާގައި ހަތަރު ކުއްޖެއްގެ މައްޗަށް ތުހުމަތުކޮށް ދެ ކުއްޖަކު ތަހުގީގުގައި ކުށަށް އިޢުތިރާފުވެފައިވެ އެވެ. އަދި ގ. ވޭރު ޢަބްދުލްމުހީތު މަރާލި މައްސަލައިގައި ތިން ކުއްޖެއްގެ މައްޗަށް ތުހުމަތު ކުރިއިރު، އޭގެ ތެރެއިން ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ އެ ދެ ކުދިން މެރުމަށް ވަނީ ހުކުމް ކޮށްފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލައިގައި ވެސް ކުޑަކުދިން ބައިވެރިކޮށްފައިވާކަން ތުހުމަތުކޮށް އެކުދިންގެ މައްޗަށް ތަހުގީގު ހިންގާފައިވެ އެވެ.

ކުޑަކުދިން ޖިނާއީ މައްސަލަތަކުގައި ބައިވެރިކުރާ މައްސަލަ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ އިރު، ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވިޔަސް، އެ ކުއްޖެއްގެ މައްޗަށް ހުކުމް ތަންފީޒު ކުރެވޭނީ އުމުރުން 18 އަހަރުވުމުން ކަމަށް ގާނޫނުލް އުގޫބާތުގައި ވަނީ ހިމަނާފަ އެވެ.

ކުޑަކުދިންނާ ގުޅޭ ޖިނާއީ މައްސަލަތަކުގެ އިތުރުން ޢާއިލާ އަށް ފިލައިގެން އެފަދަ ކުދިން ހޯދަން ފުލުހުން އިޢުލާނުކުރަން ޖެހޭ މައްސަލަތައް ވެސް ފަހަކަށް އައިސް އިތުރުވަމުންދާކަން ފުލުހުން ފާހަގަ ކުރެ އެވެ. ފުލުހުން ބުނީ އެފަދަ ކަންކަމަކީ ވެސް ބަޔަކު އެކުދިންލައްވައި ކުރުވާ ކަމެއްކަމުގައި ބެލިދާނެ ކަމަށެވެ. އަދި ޢާއިލާއަށް ފިލައިގެން އެކުދިން ގޮސްއުޅޭކަން ފާހަގަ ކުރެވެނީ ބޮޑެތި ބައެއްގެ ގާތުގައި ކަމަށާއި އެފަދަ ކުދިން ޢާއިލާއަށް ފިލަންޖެހޭ ސަބަބު ހޯދައި ދެނެގަނެ އެފަދަ ކަންކަން ހުއްޓުވުމަށް ޢާއިލާތަކުން ވަރަށް ބޮޑު އިސްކަމެއްދޭންޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަދި ބުނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މައްސަލަތަކާއި ބަދުއަޚުލާގީ އަމަލު ހިންގާ މައްސަލަތައް ވެސް ހުއްޓުމެއް އައިސްފައިނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޖިންސީ ޢަމަލުތަކާ ގުޅޭ ފޮޓޯ އާއި ފިލްމާއި މަންޒަރުތައް ކުޑަކުދިންނަށް ދެއްކުން ފަދަ ނާތަހުޒީބު ޢަމަލުތަކާ ގުޅޭ މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައި އެފަދަ މައްސަލަތައް މަދުން ނަމަވެސް ބަލަމުންދާކަން ވެސް ފުލުހުން ފާހަގަ ކުރެ އެވެ.