11 May 2013, 12:33
އިނގިރޭސި ވިލާތުގެ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ ކުލަބް، މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ ކޯޗު ސާ އެލެކްސް ފާގަސަންއަށް ފަހު އެކުލަބުގެ ކޯޗްކަމަށް އެވަޓަންގެ ކޯޗު ޑޭވިޑް މޮއެސް ހަމަޖައްސަން ޔުނައިޓެޑުން ނިންމައިފިއެވެ.
ހަ އަހަރުދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މޮއިސް ޔުނައިޓެޑާ ރަސްމީކޮށް ހަވާލުވާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.
އުމުރުން 50 އަހަރުގެ މޮއެސް އެވަޓަންއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. މޮއެސް ބުނެފައިވަނީ އޭނާ ނިންމާފައިވަނީ އެވަޓަންއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އަލުން ކޮންޓްރެކްޓް އާކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ޔުނައިޓެޑުން އެފަދަ ހުށަހެޅުމެއް ލިބުމުން އެއަށް ފުރަގަސް ދޭން ނުކެރުނީ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކުލަބާއި ހަވާލުވާން މޮއެސް ތައްޔާރުވާއިރު މީގެ 12 އަހަރު ކުރިން އޭނާ އެވަޓަންއާ ހަވާލުވިއިރު އެކުލަބު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އެކުލަބާއެކު ރަނގަޅު ނަތީޖާތަކެއް ނެރެ، 2005 ވަނަ އަހަރުގެ ސީޒަންގައި ގަދަ ހަތަރަކަށް އެވަޓަން ގެނެސްދީފައެވެ. އަދި މި ސީޒަންގައި ބާކީ ދެ މެޗު ކުޅެން އޮތްއިރު މިހާރުވެސް އެވަޓަން އޮތީ ތާވަލުގެ ހަވަނައިގައެވެ.
މޮއެސް ބުނެފައިވަނީ އެވަޓަންގައި އޭނާ ހޭދަކުރި ދުވަސްތަކަކީ ހިތުން ފޮހެލަން ދަތިވާނޭ ދުވަސްތަކެއް ކަމަށާއި އަދި އޭނާގެ ހަޔާތާ ގުޅިފައިވާ އެފަދަ ކުލަބެއް ދޫކޮށްފައި ދާންޖެހޭތީ ވަރަށް ބޮޑަށް ދެރަވާކަމަށެވެ.
ފާގަސަންއަށް ފަހު ޑޭވިޑް މޮއެސް ޔުނައިޓެޑްގެ ކޯޗުކަމަށް ގެނައުމަށް ކުލަބުން ނިންމާފައިވަނީ ސީދާ ފާގަސަންގެ އެދުމުގެ މަތިންނެވެ. އަދި މީގެ ކުރިންވެސް ފާގަސަންވަނީ އޭނާގެ ދަށުން މަސައްކަތްކުރުމަށް މޮއެސް ގެނައުމަށް މަސައްކަތް ކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ފާގަސަން އެންމެ ފަހުން ފެންނާނެ މެޗަކީ މިމަހުގެ 19 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ވެސްޓްބްރޮމް އަލްބިއަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައެވެ. އޭގެ ފަހުން ފާގަސަން ހުންނާނީ ޔުނައިޓެޑުގެ ބޯޑުގެ ޑައިރެކްޓަރު އަދި އެމްބެސެޑަރެއްގެ ގޮތުގައެވެ.