ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލައި އޭގެ ދަށުން އަންނަ މަރުހަލާތަކަށް އަމަލު ނުކުރުމަކީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ބާރު ކަނޑުވާލުން ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމަކީ ރަމްޒީ އިޖްރާއަތެއް ކަމުގައި ބަލާނަމަ މުޅި ގާނޫނު އަސާސީއަކީ ވެސް ރަމްޒީ އިޖުރާއަތެއް ކަމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދޫސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްހުލުވި [މައްސަލައިގެ ތެރެއަށް ވަނުން] ޕީއޭގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.


ދައުލަތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ޕީއޭ ތަދުއްހުލުވުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ދިނުމަށް ފަހު މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ފައްޓަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ މިއަދުގެ އަޑު އެހުމަކީ ހަމަ އެކަނި ދެ ފަރާތަށް ފާހަގަ ކުރެވޭ ޕޮއިންޓް އޮފް ލޯގެ މައްޗަށް ދެކެވޭ ވާހަކަތައް އަޑުއަހާ މަޖިލީހެއް ކަމަށެވެ. އެ ގޮތުން މިއަދު ފުރަތަމަ ފުރުސަތު ދެއްވީ ޕީއޭ އަށެވެ.


ޕީއޭގެ ގާނޫނީ ވަކީލު ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ގާނޫނީ ތަފާތު ނުކުތާތަކެއް ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދައުލަތުން ހަވާލާދެނީ ގާނޫނު އަސާސީގެ 81 ވަނަ މާއްދާގެ (ހ)ގެ އެއްމެ ބަޔަކަށް ކަމަށާއި ނަމަވެސް އެމާއްދާގެ (ހ)ގެ އެކެއް ގައި ބުނާ އެއްޗެއްގެ އިތުރުން(ހ) ދޭއްގައި ބުނާ އެއްޗަކަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ދައުލަތުން ބުނާ އިދާރީ ހިންގުމަށް އެކަނި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު މާނަ ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންކަން ކުރާނެ ގޮތުގެ ގަވައިދު ކަނޑައޅުމުގެ ފުރިހަމަ އިހުތިޔާރު މަޖިލީހަށް ލިބިދޭ ކަމަށެވެ.


އާޒިމާ ވިދާޅުވީ ގާނޫނު އަސާސީގެ 88 ގެ (ހ)ގެ ދެ ވަނަ ނަމްބަރަށް ބަލާއިރު މަޖިލީހުގެ އެންމެހާ ކަންކަން ހިންގާނެ ގޮތް ގަވައިދުގައިވާ ގޮތުގެ މަތިން ބަޔާންކުރަން ޖެހޭ ކަމަށެވެ. ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ރުހުން ދިނުމަކީ ނުވަތަ ދައުލަތުގެ އެކި މަގާމުތަކަށް އައްޔަން ކުރެވޭ މީހުންނަށް ރުހުން ދިނުމަކީ ރައްޔިތުން މަޖިލީހުން ކުރަން ޖެހޭ ކަމެއް ނަމަ އެކަން ކުރާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ހިމެނުމަކީ ހަމައެކަނި މަޖިލީހުގެ ބާރެއް ނޫން ކަމަށާއި އެއީ ގަވައިދުތައް ފުރިހަމައަށް ތަމްސީލު ވާނެ ޑިމޮކްރެޓިކް އުސޫލުތައް އެކުލެވޭ ޖަވާބުދާރީވާ ހާމަކަންބޮޑު  ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ އުސޫލުތައް ހިމެނޭ ގޮތަށް ގަވައިދު އެކުލަވައިލުމަކީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމަށެވެ.


އާޒިމާ ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ރ) އިން މަޖިލީހަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ގަބޫލުކުރުމާއި ފާސްނުކޮށް އަނބުރާ ފޮނުވާލުމާއި ބާތިލު ކުރުމާއި ބަދަލު ކުރުމުގެ ބާރު މަޖިލީހަށް ލިބިދީފައިވާ އިރު އެ މާއްދާގެ (ބ) އިން މީހަކު  މަގާމަކަށް އިސްކުރުމަށް  ނުވަތަ ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ ހުށަހެޅުމެއް ފާސް ކުރުމާއި ނުކުރުމުގެ ބާރު މަޖިލީހަށް ލިބޭނެ ކަމަށެވެ.


ގާނޫނު އަސާސީގެ 90 ވަނަ މާއްދާއިން އެކަން ކަން ކަށަވަރުކޮށްދޭ ކަމަށާއި އަދި ވަޒީރުންގެ މަޖިލީހަށް ރުހުން ދޭ ނަމަ އެކަން ކުރާނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާ ބަޔާން ކުރާ ގޮތަށް ކަމަށާއި އެ ނަތީޖާ ނެރުމަށް ކޮންޓްރިބިއުޓް ކުރަން ޖެހޭނީ ވަކި މެންބަރުންގެ ވޯޓް ކަމަށް ވެސް ވިދާޅުވި އެވެ. އެ އިހުތިޔާރު ނެރުމުގައި ބަލާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ހިމެނުމަކީ ގާނޫނު އަސާސީގެ 130 ވަނަ މާއްދާ ބަޔާން ކުރާ ވަޒީރުންގެ ޝަރުތަކަށްވުރެ އިތުރު ޝަރުތައް ހިމެނުން ކަމަށް ގަބޫލު ކުރާނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ.


އާޒިމާ ވިދާވީ ވަޒީރުންނަށް ރުހުން ހޯދުމަކީ ގާނޫނު އަސާސީން ކަނޑައެޅިގެން  ޝަރުތު ކުރާ ކަމެއް ކަމަށާއި އޭގެ އަސްލަށް ބަލާއިރު ރުހުން ހޯދުމަކީ ގާނޫނު އަސާސީގެ ސާފު ނައްސުން ބުނެފައިވާ ކަމަށްކަށް ވާއިރު ވަޒީރުންނަށް މަގާމުގައި ދެމި ތިބެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށެވެ. އާޒިމާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 171 ގެ (ވ) ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅާނެ ހުކުމެއް ނެތް ކަމަށެވެ.


މިއަދުގެ ޝަރީއަތުގައި ދައުލަތުން ވާހަކަފުޅު ދެއްކެވި ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތު ވިދާޅުވީ މި މައްސަލަ ހުށަހެޅިއިރު ދައުވާ ލިބޭ ފަރާތެއް ހިމަނާފައި ނުވާނެ ކަމަށާއި މިއީ ދުސްތޫރީ މައްސަލައެއް ކަމަށެވެ. މިމައްސަލައިގެ ތެރެއަށް ޕީއޭ ތަދުހުއްލުވީ ގޮތާ ބެހޭ ގޮތުން ރިއްފަތު ސުވާލު އުފެއްދުމުން އުއްތަމަ ފަނޑިޔާރު ވަނީ އެކަން ހުއްޓުވައިފަ އެވެ.