އެމްޑީޕީގެ އަމާޒަކީ ހދ. ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ ފެރީ ޓާމިނަލްއެއް ގާއިމު ކުރުން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހއ، ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްތަކަށް އެމްޑީޕީން މިހާރު ކުރަމުންދާ ދަތުރުގައި ކުޅުދުއްފުށީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ބޮޑު އެ ތިން އަތޮޅަށް އަމާޒުކޮށްގެން އެމްޑީޕީން ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް އެމްޑީޕީގެ ސަރުކާރުގައި ކުރިން ރާވާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތައް އެމްޑީޕީގެ ސަރުކާރެއްގައި ކުރިއަށް ގެންދާނެ ކަމަށާއި އެމްޑީޕީން ކުރުމަށް ނިންމާފައިވާ އެއްކަމަކީ ކުޅުދުއްފުށީގައި ޑިއުޓީ ފްރީ ޓްރާންސްސިޓް ބަނދަރެއް ގާއިމުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ ފެރީ ޓާމިނަލްއެއް ބިނާކުރިން. އަޅުގަނޑުމެންގެ އަމާޒަކީ ޑިއުޓީފުރީ ޓްރާންސިޓް ބަނދަރެއް ގާއިމުކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ އިންޑިޔާ އިން ކޮންމެ ހަފްތާއަކު އަންނަ ޓޫރިސްޓުންނަށް ޑިއުޓީ ފްރީ ވިޔަފާރި ކުރެވޭނެ ގޮތް ގާއިމުކޮށްދިނުން. އަދި އެ އަންނަ މެހުމާނުން ކުޅުދުއްފުށީ މެދުވެރިކޮށް މި ސަރައްދަށް ބަހާލެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން،"

ރައީސް ނަޝީދު ވިދާޅުވީ އެމްޑީން ކުޅުދުއްފުށީގެ ތަރައްގީއަށް ޓަކައި ކުޅުދުއްފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އަދި ކުޅުދުއްފުށި މެދުވެރިކޮށްް އެ ތިން އަތޮޅުގެ ހުރިހާ ރަށަކަށް ފަސޭހަކަމާ އެކު ދެވޭނެ ނިޒާމެއް ގާއިމުކުރުމަކީ އެމްޑީޕީގެ ތަސައްވަރު ކަމުގައި ވިދާޅުވި އެވެ.

ހއ.، ހދ. އަދި ށ. އަތޮޅާ އެންމެ ކައިރީގައި އޮންނަ ދެކުނު އިންޑިޔާ އަކީ އެންމެ ބާރަށް ތަރައްގީ ވަމުން އަންނަ ސަރައްދު ކަމަށާއި އިންޑިޔާގެ ތަރައްގީއާއި ރާއްޖެއާ ގުޅުވާލުމަކީ އެމްޑީޕީގެ އެއް އަމާޒުކަމުގައި ނަޝީދު ވިދާޅުވި އެވެ. އިންޑިޔާ ރާއްޖެއާ ދެމެދު ފެރީގެ ނިޒާމެއް ގާއިމުކޮށް ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަކީ އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި އިންޑިޔާ އިން ޓޫރިސްޓުން ގެނެސް ބޮޑު އެ ތިން އަތޮޅުގެ ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުން ކަމަށާއި އެ މަސައްކަތުގައި މައި މަރުކަޒެއްގެ ގޮތުގައި އެމްޑީޕީން ކަނޑައަޅާފައި ވަނީ ވެސް ކުޅުދުއްފުށި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީ އަށް ހިސާބުވޭ ހަފްތާއަކަށް ކޮޗިން އިން ފުރައިގެން 500 ޓުވަރިސްޓުން ބޮޑެތި ފެރީ ފަހަރުގައި ކުޅުދުއްފުއްޓަށް އަންނަ ތައްޔާރަށް ތިބިކަން. އަޅުގަނޑުމެނަށް ހިސާބުވޭ މި ސަރައްދުގައި އެ ޓޫރިސްޓުނަށް ގެސްޓް ހައުސް ވިޔަފާރީގައި ރަނގަޅު ޗުއްޓީއެއް ވިއްކައިގެން މި ބޮޑު ތިލަދުންމަތީގެ 50،000 ރައްޔިތުންނަށް މާ ތަނަވަސް ދިއުޅުމެއް ހޯދޭނެ ކަން."