11 May 2013, 11:23
ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ޑިފެންޑަރު ފެލިޕޭ ސަންޓާނާ، ކުރިއަށް އޮތް ހޫނު މޫސުމުގައި އެކުލަބު ދޫކޮށްލާނެ ކަމަށް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ސަންޓާނާ މިހެން ބުނީ، ޝަލްކޭއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ގަދަވެފައިވާ ދުވަސްކޮޅެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.
ޔޫރަޕްގެ ބައެއް މީޑިއާތަކަށް ސަންޓާނާ ދީފައިވާ އިންޓަވިއުގައި އޭނާ ބުނެފައި ވަނީ، ޑޯޓްމަންޑު ދޫކޮށްލުމުގެ ޚިޔާލު ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެހެން ކަމުން ކުލަބް ދޫކޮށްލުމާ ބެހޭގޮތުން ކޯޗް ކްލޮފްއާ އެކު ވަރަށް އަވަހަށް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި މިއަދާ ހަމަޔަށް ވެސް ޑޯޓްމަންޑުގައި ހުރީ އުފަލާއެކު ކަމަށާއި ކުލަބާ ދެމެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް ވެސް ސަންޓާނާ ބުނެފައި ވެއެވެ.
"ޑޯޓުމަންޑު ދޫކޮށްލުމާއި ގުޅޭ ގޮތުން ކޯޗު ކްލޮޕް އާއި ވާހަކަދައްކާނަން. އަހަރެން ކުލަބް ދޫކޮށް މިލަނީ ހިތްހަމަ ނުޖެހިގެނެއް ނޫން. ޑޯޓްމަންޑުގައި އަހަރެން އަދި ވެސް މިހިރީ ވަރަށް އުފަލުން. ފުޓްބޯޅައިގައި އަދިވެސް ބޭނުން ވަނީ ކުރިއަށް ދާން" ސަންޓާނާ ބުނެފައިވެ އެވެ.
ސަންޓާނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމަންޑު ގެންދިއުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. ފައިނަލް މެޗުގައި ޑޯޓްމަންޑު މިމަހުގެ 25 ވަނަ ދުވަހު ނިކުންނާނީ ވާދަވެރި ބަޔާން މިއުނިކާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.