11 May 2013, 11:13
ކުޑަކުދިންނަށް ކުރި އެކި ކަހަލަ އަނިޔާގެ 208 މައްސަލައެއް މި އަހަރުގެ މިހާތަނަށް ހުށައަޅާފައިވާ ކަމަށް ޖެންޑާ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މިނިސްޓަރު އާޒިމާ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމިނިސްޓްރީ އަށް ހުށައަޅަފައިވާ ކުޑަކުދިންނަށް ކުރި އެކި ކަހަލަ އަނިޔާގެ 208 މައްސަލައިގެ އިތުރުން ކުޑަކުދިންނަށް އިހުމާލްވި 43 މައްސަލައެއް ހުށައަޅާފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ބަލާއިރު ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ހުށައެޅުނު މިންވަރު 20 ޕަސެންޓް އިތުރުވުމެއް ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ހުށައެޅި ޖިންސީ ހާނިއްކައިގެ މައްސަލަތަކުގެ ތެރެއިން 83 ޕަސެންޓް ހާނިކަކޮށްފައި ވަނީ އަންހެން ކުދިންނަށް ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ރާއްޖޭގައި ކުޑަކުދިނަށް ކުރެވޭ އަނިޔާތަކާ ބެހޭ ގޮތުން ހެދިފައިވާ ދިރާސާ އިން ދައްކާ ގޮތުގައި ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން ކޮންމެ 7 ކުއްޖަކުން އެއް ކުއްޖަކީ އަނިޔާ ލިބިފައިވާ ކުއްޖެއް. ކުއްޖެއްގެ މައްސަލަ ފެންމަތި ވަނީ އެތައް ދުވަހަކު އެ ހާނިއްކައެއް ހިނގާފަހުން ކަމުގައިވާ އިރު ރާއްޖޭގައި ކޮންމެ ވަގުތެއްގައި އަނިޔާ ލިބެމުންދާނެ ކަމަށް ލަފާކުރެވޭ ކުދިންގެ އަދަދަކީ ރާއްޖެ ފަދަ ކުޑަ އާބާދިއަކާ ނުބައްދަލު އަދަދެއް ކަމުގައި ވާނޭކަމުގައި ގަބޫލުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އަޅާނުލައި އިހުމާލުވާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި ވިހެއުމަށް ފަހު މަރާލާ ކުދިންނާއި އެކިއެކި ހާނިއްކަތައް ލިބެމުންދާ ކުދިންނާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިހިފައިވާ ކުދިންގެ އިތުރުން ޖިންސީ ޝިކާރައަކަށް ވެފައިވާ ކުދިންހިމެނޭ ކަމަށެވެ. އަދި ޖިންސީ ގޯނާ ލިބޭ ކުދިންގެ ތެރޭގައި އެ ކުދިންގެ އާއިލީ މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާ ލިބޭ ކުދިންނާއި މައިން ބަފައިން ލާރި ހޯދުމަށް ޓަކައި ކުޑަކުދިން ލައްވާ ކަމަށް ވިދާޅުވި އެވެ.
"ކުދިންގެ ނަހަމަ ބޭނުން ކުރަން މިހާރު ވަނީ އިތުރުވާން ފަށާފައި. އާމްދަނީ ހޯދުމަށްޓަކައި ޖިންސީ އެދުން ފުއްދައިދޭ ވިޔަފާރީގައި ގެންގުޅޭ ކުދިން ނުވަތަ ސެކްސް ވާކަސްގެ ގޮތުގައި ކުދިން ތަންތަނަށް ފޮނުވައިގެން އެ ކުދިންގެ ވިޔަފާރިކުރުމަކީ މިހާރު ރާއްޖޭގައި ހިންގަމުން އަންނަކަމެއް، މިދެންނެވި ވިޔަފާރީގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ބޭނުންކުރެވޭ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އާޒިމާގެ ވާހަކަފުޅުގައި ކުޑަކުދިންނާ މެދު ވާ އިހުމާލްތަކަށް އަލިއަޅުވާލުމުގެ އިތުރުން ބެލެނިވެރިންގެ ޒިންމާއާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އަދި ކުޑަކުދިންގެ ހައްގުގައި އެމިނިސްތުރީގެ ފަރާތުން އިތުރަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.