މިދިޔަ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އަންހެން ކުއްޖަކަށް ސްރީލަންކާގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.

މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި ބޮލަށް ލިބުނު ޒަޚަމްތަކަށް ސްރީލަންކާގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 6:30 ހާއިރު މަރުވެފައި ވަނީ ގދ. ތިނަދޫ، ސަންރޭ އައިޝަތު އަންވަރު،23، އެވެ.

މީގެ ތިން މަސްކުރިން ކައިވެނި ކުރި އަންހެން ކުއްޖާ މަރުވީ އެކްސިޑެންޓަށް ފަހު ހޭނާރާ އޮވެ އެވެ.

އެ އެކްސިޑެންޓް ހިނގީ އެ އަންހެންކުއްޖާ 12:00 ޖެހިއިރު ޑިއުޓީ ނިންމާފައި އޭނާގެ ފިރިމީހާއާ އެކު ބުރުޒުމަގުން ސައިކަލުގައި ދަނިކޮށް، ކުރީގެ މާލޭ މެޑިކަލް ހިސާބުން ބުރުޒުމަގަށް ނުކުތް ސައިކަލެއް އެދެމަފިރިން ދުއްވި ސައިކަލުގައި ޖެހި އަންހެން ކުއްޖާ ވިއްސައިގެންގޮހެވެ.

އެ ހަތަރުއަނގޮޅި ކަންމަތީގައި ހުންނަ ފިހާރައަކަށް ސައިކަލެއް ވަދެ، މީގެ ހައްއެކަ އަހަރު ކުރިން ވަނީ ޒުވާނެއްގެ ކަރަށް ބިއްލޫރި ގަނޑެއް ވެސް ހެރި ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.

އާއިލާ އިން ބުނީ މި މަހު ފަސް ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ސައިކަލުގައި އިން އަންހެންކުއްޖާގެ ފިރިމީހާ އަށް ވެސް އަދި އެދެމަފިރިން ދުއްވި ސައިކަލުގައި ޖެހުނު ސައިކަލުގައި އިން މީހާ އަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް ސިކުނޑިއަށް ލޭ އެޅި ބޮޑަށް ޒަޚަމްވެފައި ވަނީ އަންހެން ކުއްޖާ އެވެ.

އަންހެން ކުއްޖާގެ އާއިލާ އިން ބުނީ ފުލުހުންގެ ވެހިކަލެއްގައި އަންހެން ކުއްޖާ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން އިތުރުފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވާލެވޭ ވަރުވީ އެކަން ހިނގިތާ 24 ގަޑިއިރު ފަހުން ކަމަށެވެ. އާއިލާއިން ބުނީ އަންހެން ކުއްޖާ ލަންކާ އަށް ގެންދިޔައިރު ވެސް މާބޮޑަށް ލަސްވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އަދި ލަންކާއަށް ގެންގޮސް އަންހެން ކުއްޖާގެ ބޮލުގެ އޮޕަރޭޝަނެއް ވެސް ކުރި ކަމަށެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރަކާ ނަރުހަކާ އެކު ރާއްޖޭން ބޭރަށް އަންހެންކުއްޖާ ފޮނުވާލުމުގެ ކުރިން އެ ހޮސްޕިޓަލުން އެކަށީގެންވާ ވަރަށް ފަރުވާ ދީފައިނުވާކަން އާއިލާއިން ފާހަގަ ކުރެ އެވެ.

މިމަހުގެ ތިން ވަނަ ދުވަހު ހުޅުމާލޭގައި ކުދިންތަކާ އެކު ބާސްކެޓް ބޯޅަ ކުޅެން އުޅެނިކޮށް ބޮލުގައި ބޯޅައަކުން ޖެހިގެން ކޯމާ އަކަށް ދިޔަ މަޖީދިއްޔާ ސްކޫލް ދަރިވަރަށް ވެސް އައިޖީއެމްއެޗުން އެކަށީގެންވާ ފަރުވާ ލިބިފައިނުވާ ކަމަށް ބުނެ އެ ކުއްޖާގެ އާއިލާ އިން ވެސް ވަނީ ޝަކުވާ ކޮށްފަ އެވެ.