11 May 2013, 10:09
ރިޔާޟް (މޭ 11) ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ވައިރަސް އެއްކަމަށްވާ ކްރޯނާ ވައިރަސްގެ އަސަރުކޮށްގެން ދިހަވަރަކަށް ދުވަހުގެ ތެރޭގައި ސަޢޫދީ އަރަބިޔާގެ 7 މީހަކު މަރުވުމުން އެވައިރަސް ސަޢޫދީ އަރަބިޔާގައި ފެތުރިދާނެ ކަމުގެ ބިރުވެރިކަން އުފެދިއްޖެ އެވެ.
ސައޫދީ ސަރުކާރުން ބުނާގޮތުން ކްރޯނާ ވައިރަސްގެ ޙަޤީޤަތް ހޯދުމަށްޓަކައި ސިއްޙަތާބެހޭ ސައޫދީ ތަޖްރިބާކާރުންނާއި ސައޫދީ ސައެންސާއި މެޑިކަލް ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި ބައިނަލްއަޤްވާމީ ތަޖްރިބާކާރުންގެ ޓީމެއް ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިވައިރަސް ސައޫދީގެ އިތުރުން ދުނިޔޭގެ އެހެން ގައުތަކަށް ފެތުރިދާނެ ކަމުގެ ބިރު ހީވެފައި ވަނީ ސައޫދީ އަރަބިޔާގެ އަވަށްޓެރި ދުބާއިން ފަރަންސޭސިވިލާތަށް އައި މީހެއްގެ ގައިން މިވައިރަސް ފެނުމާގުޅިގެންނެވެ.
ޔޫއޭއީގެ ދުބާއާއި ސައޫދީ އަރަބިޔާއާ ދެމެދު ދުވާލަކު އެތަށް ފްލައިޓެއް ދަތުރުކުރަމުންދާތީ ދުބާއި އަށް މިވައިރަސް ވާސިލްވީ ސައޫދީން ކަމަށް ވަނީ ޝައްކުކުރެވިފަ އެވެ. ނަމަވެސް ދުބާއިގެ ލޯކަލް ސަރުކާރުން ވަނީ އެ އިމަރޭޓްގައި ކްރޯނާ ވައިރަސްގެ އެއްވެސް ޙާލަތެއްނެތް ކަށަވަރުކޮށް ބަޔާނެއް ނެރެފަ އެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އިންވަނީ އެޖަމްޢިއްޔާގެ ތަޖްރިބާކާރުންގެ ޓީމެއް ސައޫދީ އަރަބިޔާއަށް ފޮނުވިކަން ހާމަކޮށް ކްރޯނާ ވައިރަސް ފެތުރިދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސައޫދީ ސިއްޙަތަބާހޭ ވުޒާރާގެ ތަރްޖަމާން ޚާލިދު މުރްޣަލާނީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަޖްރިބާކާރުންގެ ޓީމެއްއެވުޒާރާގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ގެންދަވަނީ ސައޫދީ ސައެންސާއި މެޑިކަލް ޔުނިވަސިޓީތަކުގެ ޕްރޮފެސަރުންގެ ޓީމަކާ މަޝްވަރާ ކުރައްވަމުންނެވެ.
މިމަޝްވަރާތަކުގެ ބޭނުމަކީ ސަޢޫދީން ފެނިފައިވާކްރޯނާ ވައިރަސްއާ ކުރިމަތިލާނެ ގޮތްތަކުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތަކާ އަދި އިޖްރާއާތުތައް އެކަށައެޅުމެވެ. ސައޫދީ ސިއްޙަތާ ބެހޭ ވުޒާރާއާ ޙަވާލާދީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ބުނާ ގޮތުން ސަޢޫދީ އަރަބިޔާގެ އިރުމަތީގެ ގަވަނޭޓެއް ކަމަށްވާ އަލްއިޙްސާ އިންވަނީ މިބަލީގެ ވައިރަސް ޖެހިފައިވާ އިތުރު ދެ މީހަކު ފެނިފަ އެވެ. (ނޫސްއެޖެންސީތައް)