އިސްލާމް އާބާދު (މޭ 11): އާދަޔާ ޚިލާފު ސަލާމަތީ ފިޔަވަޅުތަކަކާ އެކު ޕާކިސްތާނުގެ ޢާންމު އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެ އެވެ.

މިއީ ޕާކިސްތާނުގެ 66 އަހަރުވީ ތާރީޚުގައި ޕާލަމެންޓްރީ އިންތިޚާބު ޖެހިޖެހިގެން ބާއްވާ ފުރަތަމަ ފަހަރެވެ. މީގެކުރިން ޕާކިސްތާނުގެ ޕާލަމެންޓްގެ ދައުރެއް ފުރިހަމަކޮށް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ ކުރިން ވަނީ ޢަސްކަރީ އިންޤިލާބެއް އައިސްފަ އެވެ. ނޫނީ ރައީސަކަށް ހުންނަވާ ބޭފުޅަކު ޕާލަމެންޓް އުވާލައްވާފަ އެވެ. އެހެންކަމުން މިއީ ޕާކިސްތާނުގައި ބާއްވާ ތާރީޚީ އިންތިޚާބެކެވެ.

ޕާކިސްތާނުގެ އިންތިޚާބަށް މިފަހަރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އިންތިޚާބު ބޭއްވި ނުދިނުމަށްޓަކައި ހަނގުރާމަވެރި ޖަމާއަތްތަކުން ކޭންޕޭން އެއްވުންތަކަށާއި ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް ދެމުންގެންދިޔަ ބޮންގޮއްވުމާއި މީހުން މެރުމުގެ ޢަމަލުތަކެވެ. މިޢަމަލުތަކުގެ ފަހަތުގައިވާ ކަމަށް ބެލެވިފައި ވަނީ ތާލިބާން ޖަމާއަތެވެ. ތާލިބާނުން ވަނީ ކޭންޕޭން އެއްވުންތަކަށް ޙަމަލާދޭނެ ކަމަށްބުނެ ކޭންޕޭން އެއްވުންތަކަށް ބޮމާއި ބަޑީގެ ޙަމަލާތައްދީ ޕާކިސްތާނުގެ ސިޔާސީ ބޭފުޅުންނާއި ކޭންޕޭން ކޮށްދޭ މީހުންގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން މަރާލައި އެތައް ސަތޭކަ ބަޔަކު ޒަޚަމް ކޮށްލާފަ އެވެ.

ތާލިބާނުންގެ ވެރިޔާ ޙަކީމުﷲ މަޙްސޫދު ވަނީ މިއަދު ކުރިޔަށްދާ އިންތިޚާބު ގަނޑުބަޑު ކޮށްލުމަށް ޓަކައި ޕާކިސްތާނުގެ އެކިކަންކޮޅުތަކަށް އަމިއްލަ އަށް މަރުވެގެން ޙަމަލާދޭ ހަނގުރާމަވެރިންގެ އެތަށް ބަޔަކު ނެރެފައިވާ ކަމުގެ އިންޒާރު ވެސް ދީފައެވެ. މީގެއިތުރުން ޕާކިސްތާނުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 37 މިލިޔަން އަންހެނުން ތިބިއިރު ވޯޓުލުމަކީ ހަރާމް ކަމެއް ކަމަށް ސިފަކޮށް ވޯޓުލާ އަންހެނުންގެ ފުރާނަ ދުއްވާލާނެ ކަމުގެ އިންޒާރުވެސް ތާލިބާނުންވަނީ ދީފަ އެވެ.

ތާލިބާނުންގެ މިއިންޒާރުތަކާ ގުޅިގެން ޕާކިސްތާނުގެ ފުލުހުންނާއި ސިފައިންގެ ލަޝްކަރުތައް ގުޅިގެން މުޅި ޕާކިސްތާނުގައި ވަނީ އާދަޔާ ޚިލާފަށް ސަލާމަތީ ފިޔަވަޅުތައް އަޅާފަ އެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ޕާކިސްތާނުގެ ސިފައިންނާއި ފުލުހުންގެ ހަ ލައްކަ އަށް ވުރެ ގިނަ މީހުން އަމްނު ބެލެހެއްޓުމަށް ޓަކައި ޙަރަކާތްތެރިވުން ހިމެނެ އެވެ. މި ހަ ލައްކަ މީހުންގެ ތެރެއިން ލައްކައެއްހާ މީހުން ބަރު ހަތިޔާރާ އެކު ޙަރަކާތްތެރިވަމުންދާއިރު ލުއިހަތިޔާއެކު ވެސް ތިންލައްކައެއްހާ ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވަމުންދާ ކަމަށްވެ އެވެ.

ޕާކިސްތާނުގައި މިއަދު ވޯޓުލުން ފެށިފައި ވަނީ އެގައުމުގެ ގަޑިން ހެނދުނު 8:00 ގައެވެ. ވޯޓުލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ ހަވީރު 5:00 ގައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއިންތިޚާބުގައި އެންމެ ގާތުން ވާދަކުރާނެ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ މުސްލިމް ލީގް ޕާޓީ އާއި ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ޢިމްރާން ޚާންގެ އިންސާފު ޕާޓީއާއި މިހާރުގެ ރައީސް ޒަރުދާރީ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީ އެވެ. މި އިންތިޚާބު ކުޑަތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ޚިޔާލު ހޯދުމުގެ ސަވޭތަކުން ދައްކަނީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ އެވެ. ޕާކިސްތާނުގައި މިއަދު ފެށުނު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 86 މިލިޔަން މީހުންނެވެ.

މިއަދުގެ އިންތިޚާބުގައި ޕާލަމެންޓަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން ޕާކިސްތާނުގެ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުންވެސް އޮންނާނެ އެވެ. ތާލިބާނުންގެ މަރުގެ އިންޒާރުތަކާއެކު ވެސް ޕާކިސްތާން ރައްޔިތުންގެ ގިނަ ބަޔަކު ވޯޓުލުމަށް ކިޔޫހަދާފައިވާ ކަމަށް ޚަބަރު ލިބެ އެވެ. ޕާކިސްތާނުގެ އާބާދީ އަކީ 172.8 މިލިޔަން މީހުންނެވެ. ގައުމީ އާމްދަނީއަކީ 2012 ވަނަ އަހަރު 411 ބިލިޔަން އެމެރިކާ ޑޮލަރެވެ. އިޤްތިސާދު ބިނާވެފައި ވަނީ ދަނޑުވެރިކަމާއި ސިނާއަތާ އަދި ސާވިސް ސެކްޓަރުގެ މައްޗަށެވެ. ޕާކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތައަކީ ފަގީރުންނެވެ. (އަލްޖަޒީރާ)