ސަރުކާރާ ދެކޮޅަށް ޑީއާރުޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް އަލުން މިރޭ ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހުލޫފު މިއަދު ވިދާޅުވީ، މިދިޔަ އަންގާރަ އާއި ބުދަ ދުވަހުގެ ރެ އަށް ފަހު، މުޒާހަރާތައް މެދުކަނޑައިލީ، ބިރުގަނެ ޖެހިލުންވެގެންނޫން ކަމަށާއި އެކަން މެދުކަނޑައިލީ ރޭވިފައިވާ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އަތޮޅުތަކަށް އެ ޕާޓީގެ މީހުން ދާންޖެހޭތީ ކަމަށެވެ. އަދި މިދިޔަ ހަފުތާގައި ކުރިއަށްގެން ދިޔަ މުޒާހަރާތަކާ އެއްގޮތަށް މިރޭ 8:45 ގައި މުޒާހަރާ ފަށާނީ ޑީއާރުޕީގެ އޮފީސް ކުރިމަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި މުޒާހަރާތަކަކީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ލަސްކުރުމަށް އެކި ގޮތްގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތާ ދެކޮޅަށް ކުރާ މުޒާހަރާތަކެއް ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މަޖިލީހުން ރުހުން ނުހޯދައި މިހާރު ތިއްބެވި ވަޒީރުންނަކީ ޣައިރު ގާނޫނީ ވަޒީރުންތަކެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން ހިދުމަތް ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.


"އަޅުގަނޑު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުން މިހާރު ވެސް އެދަނީ. މާލޭހިޔާ އެކަކާއި ދޭއްގެ ލިފްޓްތައް އެ ވަނީ ހަލާކުވެފައި. ބަލިމީހުންނާއި މުސްކުޅިން ސިޑިން މި އަރަންޖެހެނީ ދިހަ ވަނަ ބުރިއަށް. އެކަމާ ސުވާލު ކުރާނެ ވަޒީރަކުނެތް. އަދި ކޮމިޓީއަށް ކިޔަސް ވަޒީރަކު ހާޒިރުވަނީކީ ނޫން" މަހްލޫފު ވިދާޅުވި އެވެ.


މަހްލޫފު އަދި ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން އެޓާނީޖެނެރަލް ސުޕުރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ ހަމަ ނިމޭއިރަށް ވަޒީރުންނަށް ރުހުން ދޭންޖެހޭނީ ގަނޑުކޮށްތޯ ބެލުމުގެ މައްސަލަ ސަރުކާރުން ކޯޓަށް ވައްދާނެ ކަމަށެވެ. އަދި ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ގަނޑުކޮށް ވަޒީރުންނަށް ރުހުން ދީފައި ނުވާނެ ކަމަށާއި އެކަން އެގޮތަށް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"މިހާރުން މިއޮތް ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ގަނޑުކޮށް ވަޒީރުންނަށް ރުހުން ދީފައެއް ނޯންނާނެ. ކުރިން އޮތް ސޯޅަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ވަޒީރުންނަށް ރުހުން ދީފައި ވަނީ އޭރު މަޖިލީހުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން ވަކިކޮށް ރައީސް ނަޝީދުގެ އަށް މެންބަރުންނާ އެކު މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން. އަދި މަޖިލީހުން ރުހުން ނުދީފި ނަމަ ދެން ހަދާނެ ގޮތެއް ގާނޫނު އަސާސީގައި ނެތްކަމަށް ވެސް އެމްޑީޕީން ވާހަކަ ދައްކާއިރު މާދަމައިން ފެށިގެން  އަޅުގަނޑުގެ ބަދަލުގައި މަޖިލީހަށް ދާނީ އަޅުގަނޑުގެ ބައްޕަ. އެއީ ގާނޫނު އަސާސީގައި ވަކިގޮތެއް ބަޔާންކޮށްފައި ނެތުމުން" މަހްލޫފު ވިދާޅުވި އެވެ.


މިރޭގެ މުޒާހަރާއާ ބެހޭ މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަޒީރު މިއަދު ވިދާޅުވީ، ހުދުމުހުތާރު ހުރިހާ ސިފަތަކެއް މިސަރުކާރުން މިހާރު ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެކަންތައްތަކާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނިކުމުގެ ވަގުތު މިވަނީ ޖެހިފައި ކަމަށެވެ. އަދި މިއީ ވަކި ފިކުރަކަށް ތާއީދުކުރާ ބައެއްގެ ކަމަކަށް ނަހަދައި ކުރިހާ ފިކުރުމުގެ ރައްޔިތުން ވެސް މި މުޒާހަރާގައި ބައިވެރިވުމަށް އުމަރު ނަސީރު ގޮވައިލެއްވި އެވެ.