10 May 2013, 23:03
ޑރ. މުހައްމަދު ޖަމީލު އަހްމަދު ހޯމް މިނިސްޓްރީ ހިންގަވަމުން ގެންދަވާ ގޮތާ މެދު ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އެމަނިކުފާނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރޭ ތުލުސްދޫގައި ބޭއްވި ޖަލްސާގައި ތަސްމީން ވަނީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އަދި ޑީއާރްޕީއާ ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނަވައި މިހާތަނަށް ޕީޕީއެމްއާ އެކު ޑރ. ޖަމީލް މަސައްކަތް ކުރައްވާފައިވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފަ އެވެ.
"ވިސްނާވަޑައިގަންނަވާ ޑީއާރްޕީއާ ގައުމީ ޕާޓީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކުގައި ވާދަކުރުމަށް ކޯލިޝަނެއް ހަދާފަ. ކޯލިޝަންގަ ހިމެނިވަޑައިގަންނަވާ ބޭފުޅެއް ހޯމް މިނިސްޓަރު ޑރ. ޖަމީލަކީ. އެބޭފުޅާ ހޯމް މިނިސްޓްރީ ހިންގަވާ ގޮތާ ދޭތެރޭ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކެއް ވެސް އެބަހުރި. މިއަދު ކޮބައިތޯ ޑރ. ޖަމީލު ކޮންތާކުތޯ ހުންނެވީ. ޑރ. ޖަމީލު ހުންނެވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ އަރިހުގައި،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޑރ. ޖަމީލު ވަޒީރުކަމުން ވަކިކުރެއްވުމަށް އެމްޑީޕީން ކުރި މަސައްކަތުގައި ބައިވެރިނުވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމަންޖެހުނީ އިންތާޚާބާ ދޭތެރޭ މިއޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ގައުމު ހަލަބޮލި ކޮށްލަން ބޭނުން ނުވާތީ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ބޭނުންވަނީ ޑީއާރްޕީ ކަހަލަ ގައުމީ މަސްލަހަތަށް އިސްކަންދޭ ޕާޓީއެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުޖުތަމައުގެ އަމަން އަމާންކަން ވިއްސި ވިހާލިވުން ކަމަށާއި އެކަން އެގޮތަށް ދިމާވެފައި ވަނީ ގާނޫނާއި ގަވާއިދުގެ ވެރިކަމެއް މިގައުމުގައި ގާއިމް ކުރެވިފައި ނެތުމުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކު ވެސް ހަމަހަމަ ވާންޖެހޭނެ ކަމަށާއި ކުރީގެ ރައީސަކަށް ވިޔަސް މިހާރުގެ ރައީސް ކަމަށް ވިޔަސް އަދި މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް ގާނޫނުގެ ކުރިމަތީގައި ތާފާތުކުރެވިގެން ނުވާނެ ކަމަށެވެ.
ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވެގެން ނުދާނަމަ އެ މުޖުތަމައުއެއް ހަލާކުވެގެންދާން ލަހެއްނުވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ގާނޫނުގެ ކުރިމަތީގައި ހަމަ ކޮންމެ މީހަކީވެސް ހަމަ ހަމަ ވާންޖެހޭނެ މީހެއް. އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ވިޔަސް ކުރީގެ ރައީސަށް ވިޔަސް އަދި އިސްތިއުފާ ދެއްވި ރައީސަށް ވިޔަސް. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވިޔަސް ދޯންޏެއްގެ ކެޔޮޅަކަސް ގާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ވާންޖެހޭ. އެހެން ނޫންނަމަ އެ މުޖުތަމައުއެއް ފަސާދަވެގެން ދާކަށް ލަހެއްފަހެއް ނުވާނެ،" ތަސްމީން ވިދާޅުވި އެވެ.
ކޮރަޕްޝަނާއި މަކަރާއި ފަސާދައިގެ ސަބަބުން ރައްޔިތުންގެ ތަރަށްގީއަށް ހުރަސް އެޅި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހުއްޓެމުންދާއިރު އެފަދަ އަމަލުތައް ހިންގި މީހުން "އުފަލުގައި އުނދުހޭން ދޫކޮށްލުމަކީ" އެއީ އިންސާފެއް ނޫން ކަމަށާއި ކޮރަޕްޝަންގެ މޫތައް މިގައުމުން ލުހެލަން ޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ޑީއާރްޕީ ކެރިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.