ދިރާގު ދިވެހިލީގުގެ ފުރަތަމަ ބުރުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ވީބީ އައްޑޫ އެފްސީ ބައްދަލުކުރި މެޗު ދޭއް ސުމަކުން ވީބީ މޮޅުވެއްޖެއެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއާއި ވީބީ ކުޅެން ޖެހޭ އެންމެ ފަހު މެޗުގައި ވީބީން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކުރީ މެޗުގެ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނިޓުގައި ވީބީއަށް މާޒިޔާގެ ގޯލް ހުޅުވާލަދިނީ ވީބީގެ ބިދޭސީ މިޑްފީލްޑަރު ހެންސްލީ އަވިލޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ފައުޒާން ހަބީބުއެވެ. އަދި މެޗުގެ 76 ވަނަ މިނިޓުގައި އާދަމް ލަރީފް (ރޮނާ) ތަނަވަސް ކޮށްދިން ފުރުސަތަކުން ވީބީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޝުޖާއުއެވެ.

ލީގުގައި ވީބީ އެންމެ ފަހުން ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު މާޒިޔާއިން ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުންޗުންވެސް މިވަނީ ބަލިވެފައެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުތަކަށް ބަލާއިރު ބުދަ ދުވަހު ވެލެންސިޔާއާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗު ތިނެއް ދޭކުން ކާމިޔާބު ކުރީ ބީޖީއެވެ. އަދި އިއްޔެ ހަވީރު ކުލަބް އީގަލްސްއާއި އޭވައިއެލް ބައްދަލު ކުރި މެޗު ހަތަރެއް ސުމަކުން ކާމިޔާބު ކުރީ އީގަލްސް އެވެ.

ފުރަތަމަ ބުރުގައި ކުޅެން ބާކީ އެންމެ މެޗެއް އޮތްއިރު ލީގު ތާވަލަށް ބަލައިލާއިރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ބާކީ އެއްމެޗާއެކު ތާވަލުގެ އެއްވަނައިގައި 18 ޕޮއިންޓު ހޯދައިގެން އޮތީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބެވެ. އަދި ކުޅުނު ހަތްމެޗުން 12 ޕޮއިންޓު ހޯދައިގެން މާޒިޔާ ދެވަނައިގައި އޮތް އިރު އެއަދަށް ޕޮއިންޓު ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި ކުލަބު ވެލެންސިޔާ އަދި ހަތަރު ވަނައިގައި އޮތީ ބީޖީ އެވެ. ހަތް މެޗުން އަށް ޕޮއިންޓު ހޯދައިގެން ފަސް ވަނައިގައި ކުލަބް އީގަލްސް އޮތް އިރު ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ލަނޑުގެ ތަފާތުން ވީބީއަށް ލިބެނީ ހަ ވަނައެވެ. ބާކީ އެއް މެޗު ކުޅެން އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބު ހަތް ޕޮއިންޓާއެކު ހަތްވަނައިގައި އޮތްއިރު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.


ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗުގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ބައްދަލު ކުރާމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭއެފްސީ ކަޕްގެ ދެވަނަ ބުރުގައި ނިއުއާއި މެލޭޝިޔާގެ ސެލަންގޯ މިމަހު 15ގައި ބައްދަލު ކުރާ މެޗަށް ފަހު، މިމަހުގެ 20 ވަނަ ދުވަހުއެވެ.