މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (އެމްއޯއީ)އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގުޅިގެން ހިންގި ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ހާއްސަ އެހީތަކެއް ވެދެއްވުމަށް އެ ދެ މުއައްސަސާ އިން ނިންމައިފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ހަވީރު ހެންވޭރު ދަނޑުގައި އެމްއޯއީއާއި އެންއައިއީގެ ފަރާތުން ބޭއްވި އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކަށް ފަހު، ކުޑަކުދިންގެ ހިޔާ އަށް ދެއްވުމަށް ހަމަޖެހިފައިވާ ބައެއް އެހީތަކުގެ ރަމްޒީ ހަދިޔާއެއް ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވުން އޮތެވެ. އެމްއޯއީއާއި އެންއައިއީގެ ފަރާތުން އެ ރަމްޒީ ހަދިޔާ ހަވާލުކޮށްދެއްވީ ތައުލީމާ ބެހޭ ވަޒީރު ޑރ. އާސިމް އަހްމަދުއެވެ. އަދި ކުޑަކުދިންގެ ހިޔާގެ ފަރާތުން އެ ރަމްޒީ ހަދިޔާއާ ހަވާލުވެވަޑައިގަތީ، ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އާމިނަތު ރަމީލާ އެވެ.

އެންއައިއީގެ ޑެޕިއުޓީ ޑިރެކްޓަރު އާދަމް ޝަރީފު ވިދާޅުވީ އެމްއޯއީއާއި އެންއައިއީ ގުޅިގެން ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ދިގުމުއްދަތަކަށް ދެމިގެން ދާނޭ ގިނަގުނަ ހަރަކާތްތަކެއް ރޭވިފައި ވާކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ މިއަންނަ ހަފްތާއިން ފެށިގެން ކޮންމެ މަހަކު އެއްފަހަރު ކުޑަކުދިންގެ ހިޔާއަށް ގޮސް އެކުދިންނާ އެކު އިންޓަރެކްޓިވް ޕްރޮގްރާމްތަކެއް، ސެޝަންތަކެއް ނަގާގޮތަށް އަޅުގަނޑުމެން ހަމަޖައްސާފައި މިވަނީ. މިއީ ހަމަ ވަރަށް ދިގުލާ ދެމިގެންވާ ކަންތައްތަކެއްގެ ފެށުން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްއޯއީ އާއި އެންއައިއީގެ ފަރާތުން މިއަދު ހަވާލު ކުރެވުނު ރަމްޒީ ހަދިޔާގެ އިތުރުން މިހާރު ވެސް އެ ދެ މުއައްސަސާގެ މުވައްޒަފުންގެ ފަރާތުން ވެސް މިހާރު ވެސް ކުޑަކުދިންގެ ހިޔާ އަށް ހަދިޔާ ކުރުމަށް ވަރަށް ބައިވަރު ހަދިޔާތަކެއް އެއްކުރެވިފައި އެބަހުރި ކަމަށެވެ.

އެމްއޯއީއާއި އެންއައިއީ މިއަދު ކުޅުނު މެޗު ފަހެއް ދޭކުން ކާމިޔާބު ކުރީ އެމްއޯއީގެ ޓީމުންނެވެ. މެޗުގެ އިންޓަވަލް ގަޑީގައި އެމްއޯއީ އާއި އެންއައިއީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އަދި އެބޭފުޅުންގެ އާއިލާތައް ބައިވެރިވެގެން ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރި ކޮށްގެން އެ ކުދިންނަށް ހާއްސަ ކުޅިވަރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ކުޑަކުދިންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މޭމަހުގެ 10 ވަނަ ދުވަހު އެވެ.