10 May 2013, 18:55
މީގެ 17 ދުވަސް ކުރިން ވެއްޓުނު ބަންގުލަދޭޝްގެ ފެކްޓްރީ އިމާރާތުގެ ދަށުން އަންހެނަކު ސަލާމަތްކޮށްފި އެވެ.
އަށް ބުރީގެ ރާނާ ޕްލާޒާ ފެކްޓްރީގެ ދެވަނަ ބުރީގެ ދަށުގައި ތާށިވެފައިވާ ރޭޝްމާ ކިޔާ މިއަންހެން މީހާ ސަލާމަތްކޮށްފައި ވަނީ، ތާށިވެފައިވާ ގާތަކުގެ ދަށުން ސަލާމަތްކުރުމަށް އެދި ގޮވާ އަޑު އިވިގެން މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
މިހާރު ރޭޝްމާ ހޮސްޕިޓަލަށް ގެންގޮސްފައިވީ ނަމަވެސް ފާހަގަކުރެވޭ އެއްވެސް ސީރިއަސް ގެއްލުމެއް އޭނާ އަށް ލިބިފައި ނުވާ ކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ ބީބީސީއިން ބުނެ އެވެ.
ބަންގުލަދޭޝްގެ އަސްކަރިއްޔާ އިން ބުނީ މިއަދު މެންދުރު ފަހު، އިމާރާތުން ވެއްޓިފައިވާ ބޮޑު ކޮންކުރީޓް ގަނޑެއް ފަޅާލަން މަސައްކަތް ފެށުމުގެ ކުރިން ސަލާމަތްވި އެއްވެސް މީހަކު ތާށިވެފައިވޭތޯ ބެލުމަށް މަސައްކަތްކުރި ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ އަޑު އިވުމުން، ރޭޝްމާ ސަލާމަތްކުރީ ކަމަށް މައުލޫމާތު ލިބެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ވެއްޓުނު އިމާރާތުގެ ދަށުގައި ތާށިވެ 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.