ގއ. ނިލަންދޫގައި ރޭ ހިންގި މަރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ސަން އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ރޭ ގއ. ނިލަންދޫގައި ހިނގި މާރާމާރީގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެއަތޮޅު ކަނޑުހުޅުދޫ ބޮކިވިލާގޭ ހަމްދޫން ގާސިމް،22، އަށް މިހާރު ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ބެހޭ އިތުރު ތަފްސީލު ފަހުން ދެއްވާނެ ކަމަށެވެ.

ނިލަންދޫ ބަޔަކު ހިންގި އެ މާރާމާރީގައި، ކޮންކްރީޓް އަޅާފައި ހުރި ޕްލާސްޓިކް ހޮޅިއަކުން، އޭނާގެ ބޮލާއި ކަނދުރާ އާއި ބުރަކަށީގެ ވާތްފަޅިއަށާއި ކޮނޑު ހުޅާއި މޭމައްޗަށާއި ވައަތު ފަލަމަސްގަނޑުގެ އިތުރުން ފައިގެ ތަނބިކައްޓަށް ހަމަލާދީފައިވާ ކަމަށް ނިލަންދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

މިއަދު ހަވީރު 3:45 އެހައިކަންހާއިރު އޭނާ މާލެ ގެނެސްފައި ވަނީ ލިބުނު އަނިޔާތަކުގެ ސީރިއަސްކަމުން ގއ. އަތޮޅު ހޮސްޕިޓަލުން ފަރުވާދެވެން ނެތުމުންނެވެ.

ގއ. ނިލަންދޫ ކައުންސިލް މެންބަރު އާސިފް މުހައްމަދު ވިދާޅުވީ ރޭ 9:00 ގައި އެ މާރާމާރީ ހިނގުމާ ގުޅިގެން ވަގުތުން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި ނަމަވެސް ފުލުހުންނަށް އެރަށަށް ދެވުނީ ދަންވަރު 1:30 އެހައިކަންހާއިރު އެވެ.

އޭނާ ވިދާޅުވީ ރޭ ދަންވަރު އެރަށަށް ދިޔަ ގޮތަސް ކުޑަވަގުތުކޮޅެއްގައި ރަށުގައި ހޭދަކުރުމަށް ފަހު ފުލުހުން އެނބުރި އެރަށުން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ފުލުހުންގެ އެއްވެސް ބަޔަކު އެރަށަށް ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެރަށާއި އެންމެ ކައިރިން ފުލުހުންގެ މަރުކަޒެއް ހުންނަނީ އެއަތޮޅު ދާންދޫފައި ކަމަށާއި ދާންދޫން ފުރައިގެން އެރަށަށް 10 މިނެޓުތެރޭ ދެވޭއިރު އެހާލަހުން ފުލުހުން އެރަށް ދިޔުމަކީ އެ މައްސަލަ ތަހިގީގު ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މާރާމާރީ ހިންގިބަޔަކު މިހާތަނަށް ފުލުހުންނަށް ހޯދިފައި ނުވާއިރު މީގެކުރިން ވެސް ހިނގާފައިވާ އެފަދަ މާރާމާރީތަކުގައި ކަންހިނގަމުން ގޮސްފައިވަނީ އެ އުސޫލުން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

"މިދިޔަ އަހަރުވެސް މިރަށުގައި ވަނީ ބޮޑެތި މާރާމާރީތަކެއް ހިންގާފައި. މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ އެތަށް އަމަލެއް ވަނީ ހިންގާފައި. މިއިން ކޮންމެ ފަހަރަކުވެސް ފުލުހުންނަށް ރިޕޯޓު ކުރުމުން އެބޭފުޅުންނަށް މިރަށަށް އާދެވޭއިރު އޮންނަނީ ހުރިހާކަމެއް ނިމިފައި. މިރަށާއި އެންމެ ކައިރީގައި ފުލުހުންގެ މަރުކަޒެއް ހުންނަނީ ދާންދޫގައި. ދާންދޫން މިރަށަށް 10 މިނެޓުން އާދެވޭ އެކަމަކު ރޭ 9:00 ގައި އެ މާރާމާރީ ހިންގުމާ ގުޅިގެން ވަގުތުން ވަނީ ދާންދޫގައި ތިބި ފުލުހުންނަށް ރިޕޯޓު ކޮށްފައި. ނަމަވެސް އެބޭފުޅުންނަށް މިރަށަށް އާދެވުނީ ދަންވަރު 1:30 ގައި. މިކަމާ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވަން،" އާސިފް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިލަންދޫގައި ރޭ ހިންގި އެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.