10 May 2013, 16:55
ކުޑައަހެންކުއްޖަކަށް ބަރަހަނާ ވީޑިއޯ ދައްކައި އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގަން އުޅުނު ބިދޭސީ އަކު ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަންވަރު،27، ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 މެއި މަހުގެ 12 ވަނަދުވަހުގެ 12:45 ހާއިރު އަންވަރުގެ މޯބައިލް ފޯނުން ޖިންސީ އަމަލު ހިންގާ ވީޑިއޯ ކުޑަކުއްޖަކަށް ދައްކައި، އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގަން އުޅުނު މައްސަލައާ ގުޅިގެންނެވެ.
އޭނާގެ އަތުން ފުލުހުން އަތުލި ފޯނުން ފެނުނު ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކީ އިންޓަރނެޓުގައި ހުރި މަންޒަރެއްކަމަށާއި، އެ ފޯނަކީ އޭނާ އެހެން މީހެއްގެ އަތުން ގަނެފައިވާ ފޯނެއްކަމަށް އަންވަރު ބުނިނަމަވެސް އެކަން އޭނާއަށް ޝާރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ، އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުން އަންވަރު ކުށްވެރިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.