ގއ. ނިލަންދޫގައި ރޭ އިރާކޮޅުގެ ވަގުތެއްގައި ހިންގި މާރާމާރީއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ގއ. ނިލަންދޫ ކައުންސިލްގެ ރައީސް އަހްމަދު ޝަހީލް ވިދާޅުވީ ރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި އަނިޔާ ލިބިފައި ވަނީ އެއަތޮޅު ކަނޑުހުޅުދޫ ބޮކިވިލާގޭ ހަމްދޫން ގާސިމް،22، އަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ އިރާކޮޅުގެ ވަގުތެއްގައި ހަމްދޫން ގާސިމް އެރަށް ދިޔައީ މާލެ ދަތުރުކުރާ ބޯޓަކުން ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން އެ ބޯޓު އެރަށުގައި މަޑުކުރީ ރޭގަނޑު 10:00 ގައި ފުރުމަށް ކަމަށެވެ.

ނިލަންދޫ ބަޔަކު ހިންގި އެ މާރާމާރީގައި، ކޮންކްރީޓް އަޅާފައި ހުރި ރަބަރު ހޮޅިއަކުން، އޭނާގެ ބޮލާއި ކަނދުރާ އާއި ބުރަކަށީގެ ވާތްފަޅިއަށާއި ކޮނޑު ހުޅާއި މޭމައްޗަށާއި ވައަތު ފަލަމަސްގަނޑުގެ އިތުރުން ފައިގެ ތަނބިކައްޓަށް ހަމަލާދީފައިވާ ކަމަށް ވެސް ޝަހީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަރާމާރީގެ ސަބަބުން ހަމްދޫން ގާސިމްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ އެއަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި ނަމަވެސް އެރަށަކީ ފުލުހުން ތިބޭ ރަށަކަށް ނުވާތީ އެ މައްސަލަ ތަހުގީގު ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދާއިމީ ގޮތެއްގައި އެރަށުގައި ފުލުހުން ބައިތިއްބާނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވީ ނަމަވެސް އެކަން ކޮށްދީފައި ނުވާކަމަށާއި އެކަމާ ކަންބޮޑުވާކަމަށް ވެސް ޝަހީލް ވިދާޅުވި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރު އަސްމާ އަބްދުﷲ ވިދާޅުވީ ހަމްދޫން ގާސިމްއަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ބޮލުގެ އެތެރެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސީރިއަސް ކަމަށް ބަލާއިރު އެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެވޭނެ ގޮތެއް ނެތުމުން މިއަދު މެންދުނު 12:30 ގައި އެމަޖެންސީގައި އޭނާ މާލެ ފޮނުވާފައިވާ ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަމްދޫން ގާސިމްއާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.